Last Updated: March 29, 18:55
Friday, March 29, 2024
ވިޔަފާރި

ވެމްކޯ އިން ދެން ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަނި

މާލޭ ސަރަހައްދުގެ ގޭބިސީތަކުގެ ތެރެއިން ކުނި ނެގުމަށް ރަޖިސްޓްރީ ނުވާ ގެތަކުން މާދަމާއިން ފެށިގެން ކުނި ނުނަގާނެ ކަމަށް ވެމްކޯ އިން ބުނެފިއެވެ.

ވެމްކޯ އިން މި މަހުގެ ނިޔަލަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ ކުންފުނިން ބުނީ މާދަމާ އިން ފެށިގެން ކުނި ނަގާނީ ރަޖިސްޓްރީ ވެފައިވާ ގެތަކުން އެކަނި ކަމަށެވެ. ވެމްކޯގެ ވެބްސައިޓު http://wamco.com.mv/online މެދުވެރިކޮށް ވެސް ފަސޭހަކަމާއެކު ހިދުމަތަށް ރަޖިސްޓަރީ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވެމްކޯއިން މީގެކުރިން ބުނި ގޮތުގައި މިހާތަނަށް ވެމްކޯގައި ރަޖިސްޓްރީ ކޮށްފައިވަނީ 16،000 ގޭބިސީ އެވެ. މީގެ ތެރެއިން 12،000 އަށް ވުރެ ގިނަ ގޭބިސީން ބިލުތައް ނުދައްކާ ކަމަށްވެސް ވެމްކޯ އިން ބުންޏެވެ. އަދި އެ ކުންފުންޏަށް ލިބެން ޖެހޭ 59 މިލިއަން ރުފިޔާ އެބަހުރި ކަމަށް ވެސް ވެމްކޯއިން ބުންޏެވެ. ބިލްތައް ދައްކަން ވެމްކޯ އިން ވަނީ މި މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފައެވެ.

ވެމްކޯ އިން ވަނީ މި މަސް ނިމުމުން ފާއިތުވި ތިން މަހުގެ ބިލު ނޫން އެހެން ބިލުތައް ނުދައްކާ ހުންނަ ގެތަކުން ކުނި ނެގުން ހުއްޓާލާނެ ކަމަށް ބުނެފައެވެ.