Last Updated: April 23, 21:11
Tuesday, April 23, 2024
ކުޅިވަރު

ނޭޕާލް އިން ރާއްޖެ ބަލިކޮށްފި

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖޭގެ މައްޗަށް 1-0 އިން ނޭޕާލް އިން ކުރި ހޯދައިފިއެވެ.

މިއީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ނޭޕާލާ ދެކޮޅަށް ކުޅުނު އަށް މެޗުގެ ތެރެއިން ރާއްޖެ ބަލިވި ފުރަތަމަ މެޗެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ދިވެހި ގިނަ ސަޕޯޓަރުންނާއެކު ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު ދެ ޓީމުން ކުރެ ޓީމަކަށް މި ހާފުގައި މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް ކައުންޓަ އެޓޭކުތަކުގައި ނޭޕާލް އިން ފުރުސަތުތައް ތަނަވަސްކުރަން ވަނީ މަސައްކަތްކޮށްފައެވެ.

ދެވަނަ ހާފްގައި ވެސް ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ރާއްޖެއިން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ސަމޫހު ބޮލުން ފޮނުވާލި ހަމަލާއަކާއި އަލީ ފާސިރު ފޮނުވާލި ހަމަލާއެއް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ނޭޕާލްގެ ކީޕަރު ކިރަން ވަނީ ދިފާއުކޮށްފައެވެ. މީގެއިތުރުން ޕެނަލްޓީއޭރިއާގެ ބޭރުން ނާއިޒް ވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ.

ރާއްޖެއިން ރަނގަޅަށް ކުޅެ ފުރުސަތުތައް ތަނަވަސްކުރަމުން ދަނިކޮށް ނޭޕާލް އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ 84 ވަނަ މިނެޓްގައި ނޭޕާލް އިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ނޭޕާލްގެ މަނީޝް ދަންގީ މި ގޯލު ކާމިޔާބުކުރީ ރާއްޖޭގެ ދެ ޑިފެންޑަރުން ކައިރިން ވެސް ނައްޓާލުމަށްފަހު ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކުރަން ރާއްޖެއިން މަސައްކަތް ކުރި ނަމަވެސް ނޭޕާލްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ރާއްޖެ އަށް ވަނީ ނުވެފައެވެ. މިރޭގެ މެޗުގައި ރާއްޖޭގެ މެދުތެރެ ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ގޮތަކަށްކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގައި ރާއްޖެއިން މި މަހުގެ ހަތްވަނަ ދުވަހުގެރޭ ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ. އަދި ނޭޕާލް މި މަހުގެ ހަތަރުވަނަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ނިކުންނާނެއެވެ.