Last Updated: April 20, 19:35
Saturday, April 20, 2024
ކުޅިވަރު

ފުރަތަމަ މެޗުން ބަލިވިޔަސް އުންމީދު ކަނޑާލާކަށް ނުވޭ: ސުޒޭން

ކޯޗު ސުޒޭން ޕްރެކްޓިސްގައި: ފޮޓޯ-އެފްއޭއެމް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން ބަލިވިޔަސް އުންމީދު ކަނޑާލަން އަދި ނުވާ ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ރާއްޖެ ވަނީ 1-0 އިން ނޭޕާލް އަތުން ބަލިވެފައެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ނޭޕާލާ ދެކޮޅަށް ކުޅުނު އަށް މެޗުގެ ތެރެއިން ރާއްޖެ ބަލިވި ފުރަތަމަ މެޗެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސުޒޭން ބުނީ ރޭގެ މެޗުގެ ބައެއް ހާލަތަތްކުގައި ޓީމުން ރަނގަޅަށް ކުޅުނު ކަމަށާއި އެހެން ނަމަވެސް ކައުންޓާ އެޓޭކްގައި ޓީމު ދެތިން ފަހަރު ޕްރެޝަރަށް ވެއްޓިގެންދިޔަ ކަމަށެވެ.

"އޭގެ ތެރެއިން އެއް ފަހަރު ނޭޕާލުން މި ސްކޯ ކުރީ. ނޭޕާލަށް މަރުހަބާ ކިޔަން، ފުރަތަމަ މެޗު ގެއްލިގެންދިއުމަކީ ޕްރެޝަރެއް. ޝައްކެއް ނެތް ކަމެއް. މިހާރު މި އޮތީ ކުރިއަށްވުރެ އުނދަގޫ ހާލަތެއް. ދެން އެއަށް ގޮތްތަކެއް ރާވައިގެން ހައްލު ގެންނަން ޖެހޭނީ" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ސުޒޭން ބުނީ މި މެޗުން ބަލިވިޔަސް އުންމީދު ކަނޑާލަން އަދި ނުވާ ކަމަށެވެ. އެގޮތުން ސަޕޯޓަރުން މާޔޫސް ނުވުމަށް އެދެމުން ސުޒޭން ވަނީ ދެން ހުރި މެޗު ތަކުގައި ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމުގެ އުންމީދު ސަޕޯޓަރުންނަށް ދީފަ އެވެ.

މީގެއިތުރުން ސުޒޭން ވަނީ ދެން ހުރި މެޗުތަކަށް ދާއިރު ފުރަތަމަ އެގާރަ އަށް މާބޮޑު ބަދަލުތަކެއް ނާންނާނެ ކަމަށްވެސް ބުނެފައެވެ. ނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ ކުރިއަށް އޮތް ދުވަސްތަކުގެ ފަރިތަކުރުންތަކަށް ބެލުމަށްފަހު ކަމަށް ކޯޗު ބުންޏެވެ.

މި މުބާރާތުގެ ދެވަނަ މެޗުގައި ރާއްޖެއިން މި މަހުގެ ހަތްވަނަ ދުވަހުގެރޭ ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ.