Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު ލާމަރުކަޒީ

ދައްޕަރު މައްސަލައިގެ ޕެޓިޝަން "އޮއްބާލަން" މަސައްކަތްކުރުން ބަލައިނުގަނެވޭނެ: ޓްރާންސްޕޭރެންސީ

ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސުން ދައްޕަރު ބޭރުކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން "އޮއްބާލަން" މަޖިލީހުން މަސައްކަތްކުރުން ބަލައިނުގަނެވޭނެކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ދައްޕަރު މައްސަލައިގައި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު އެ މައްސަލައިގައި އެންމެފަހުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ވަނީ އެ ޕެޓިޝަން ދިރާސާކުރުން މަޑުޖައްސާލުމަށް ބާރުއަޅުއްވާ ވާހަކަދައްކަވާފައެވެ. އެގޮތުން އެ މެމްބަރުން ފާހަގަކުރީ ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިގެން ހައްލުހޯއްދެވުމަށެވެ. އެހެންނަމަވެސް ޕެޓިޝަން ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ނިންމެވީ އެ ޕެޓިޝަންގެ މަސައްކަތް ކޮމިޓީގައި ކުރިއަށް ގެންދިއުމަށެވެ.

މި މައްސަލައިގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޝްވަރާއަކާ ނުލާ ފިއްލަދޫ އިހްތިސާސުން ދައްޕަރު ވަކިކުރި މައްސަލައިގައި ފިއްލަދޫ ރައްޔިތުން މަޖިލީހުގެ ރިޔާސަތުގެ އެއްބާރުލުމާއެކު ހުށަހެޅި ޕެޓިޝަން އޮއްބާލަން މަޖިލީހުން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

މެންބަރުންނަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ރައްޔިތުންގެ ހިޔާލާއި އަޑު ސަރުކާރުގެ ވެރިންނާއި ހަމައަށް ފޯރުކޮށްދިނުމުގެ ޒިންމާ އުފުލަން ޖެހޭ ބަޔަކަށް ވީހިނދު ބައެއް މެމްބަރުން ސަރުކާރުގެ މަސްލަހަތު އިސްކުރުމަކީ ހިތާމަކުރާކަމެއް ކަމަށްވެސް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.

"ރައްޔިތުންނާއި ސީދާ ގުޅިފައިވާ މުހިއްމު މައްސަލަ ތަކުގައި، ރައްޔިތުން ތަމްސީލުކުރުމަށް ހޮވާފައިވާ މެންބަރުންގެ ޒިންމާއަކަށްވާނީ ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ އަޑު އުފުލުން ކަމުގައި ހަނދާންކޮށްދެން. އެހެންކަމުން، ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަން އޮށްބާލަން ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލުމާއި އެކު، ވެރިކަން ހިންގުމުގެ ބާރު ޒިންމާދާރުކުރުވުމަށް ގޮވާލަންް!" ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވެއެވެ.

ދައްޕަރަކީ ފިއްލަދޫއާ އެއްފަސްގަނޑަށް އަދި އެއް ފަޅެއްގައި އޮންނަ ރަށެކެވެ. ދައްޕަރު ފިއްލަދޫގެ އިހްތިސާސުން ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ. އެކަމުގައި ފިއްލަދޫ ކައުންސިލާއި ރައްޔިތުން ނުރުހުންފާޅުކުރަމުން އަންނައިރު ސަރުކާރުން ބުނެފައިވަނީ ރަށު ކައުންސިލް އަދި ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށާއި، ކައުންސިލް އަދި ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ސަރުކާރުން ކަންކަން ކުރިއަށް ނުގެންދާނެ ކަމަށެވެ.