Last Updated: April 23, 23:56
Wednesday, April 24, 2024
ރިޕޯޓް

ޑރ.އަފްރާޝީމްގެ މަރު: އިންސާފު ގާއިމުކުރަން ހުރަސް އެޅި މީހުންގެ މައްސަލަ ބަލަންޖެހޭ؟!

މަރުހޫމް ޑރ.އަފްރާޝީމް އަލީ

އެކެއް އޮކްޓޯބަރ 2012 ވަނަ ދުވަހުގެ ރޭ ދަންވަރު 12 ގެ ފަހުގެ ވަގުތެއްގައި ޑރ. އަފްރާޝީމް، ދިރިއުޅޭގޭގެ ދޮރާށިން އެތެރެއަށް އޭނާ ވަން ވަގުތު ބަޔަކު ވަރަށް އަނިޔާވެރިކަމާއެކު، ޑރ.އަފްރާޝީމް އަލީއަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ
އަވަހާރަކޮށްލިއެވެ. މި ހަބަރާއެކު ދަންވަރުގެ އެ ވަގުތު މުޅި ގައުމު ހޭލައްވާލި އެވެ. ޓީވީތަކާއި ނޫސްތަކުން ލައިވް ކަވަރޭޖްފެށި ވަގުތުން ފެށިއެވެ. އެ ހަނދާންތަކަށް ނުވަ އަހަރު ފާއިތުވީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަނިޔާވެރިގޮތަަކަށް ވެރިރަށް މާލޭގައި މަރާލިތާ ނުވަ އަހަރު ވީއިރު އެ އާއިލާއަށް ހޯދަދެވުނީ ކޮން އިންސާފެއްތޯ ސުވާލުކުރަންޖެހުމަކީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށް ބައެއް މީހުން އެބަ ބުނެ އެވެ. މިއަދު އެ ހާދިސާގެ ހަނދާންތައް މީހުންގެ ހިތްތަކުން ފިލަން ފަށައިފި އެވެ. މިހާތަނަށް އައިރު ޑރ.އަފްރާޝީމްގެ އާއިލާއަށް އިންސާފު ހޯދާދެވިފައިނުވާއިރު މިހާރު ބަލަން ޖެހޭ އެހެން މައްސަލައެއް އޮތްކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ، އެއީ އެކަމުގައި އިހްމާލުވި ފަރާތަކުގެ މައްްސަލަ އެވެ. ތަހްގީގަށް ދޮގު މައުލޫމާތު ދިނުމާއި ހެކި ނައްތާލުމާއި ހެއްކާމެދު އިހްމާލުވި މީހުންގެ މައްސަލަ އެވެ.

އަފްރާޝީމް އަަވަހާރަކޮށްލި ސަބަބު ފުލުހުންނަށާއި ރިޔާސީ ކޮމިޝަނަށް ފެނުން ގޮތް ތަފާތު

އަފްރާޝީމަށް ތޫނު އެއްޗަކުން ހަމަލާދީ މި ދުނިޔެއާ ވަކިކޮށްލަން ޖެހުނު ސަބަބާ ގުޅޭ ގޮތުން މި މައްސަލަ އެންމެ ފުރަތަމަ ތަހްގީގުކުރި މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ފަހުން އެ މައްސަލަ ބެލި ރިޔާސީ ކޮމިޝަނުން ބުނި އެއްޗެއް ދިމަލެއް ނުވި އެވެ. ތަހްގީގަށްފެނުނީ ދެ ގޮތަކަށެވެ.

އަފްރާޝީމް އަވަހާރަކޮށްލިތާ ދެ މަސް ފަހުން 4 ޑިސެމްބަރ 2012ގައި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވެފައިވަނީ ޑރ.އަފްރާޝީމްގެ މަރަކީ ދީނީގޮތުން ޚިޔާލުތަފާތުވާ މީހުންގެ ފަރާތުން އައި ކަމެއް ކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށެވެ. އަދި ޑރ.އަފްރާޝީމް މަރާލީ 4 މިލިޔަން ރުފިޔާ ދީގެން ސިޔާސީ ބޭނުމެއްގައި ކަމަށް އޭރު ވިދާޅުވި އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ނަމަވެސް އޭގެ ހަ އަހަރު ފަހުން މިހާރުގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ އަފްެރާޝީމް އަވަހާރަކޮށްލީ ދީނީ ހިޔާލު ތަފާތުވުމުގެ ބައެއް ކަމަށެވެ. އަދި ސިޔާސީ ބޭނުމަކަށް ކަމަށް ބުނާ ބުނުމަށް ބާރުލިބިދޭ އެއްވެސް ހެއްކެތް ނެތް ކަމަށެވެ.

ފަންޑުކުރުމާ ގުޅޭ ގޮތުން ފުލުހުންގެ އިންޓަލިޖެންސްއަށް އޯޑިއޯއެއް ލިބި، މިއަދާހަމައަށް އެއަށް ވީ ނުވީއެއް ނޭނގުނު

އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެއްކުރި މައުލޫމާތުތަކުގެ މައްޗަށް ނެރުނު ރިޕޯޓުގައި އެކަމަށް ފަންޑުކުރި މީހުން ހޯދުމަށް ތަހްގީގަށް މުހިންމު އޯޑިއޯއެއް ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނުކަން އެނގެ އެވެ. ނަމަވެސް އެ މައުލޫމާތު ފަހުން ވަނީ ވީ ނުވީއެއް ނޭނގިފައި އެވެ،

އެ ހާދިސާ ހިނގިއިރު އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ހެޑަކަށް ހުންނެވި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އިސްމާޢީލް ޝަމީމް އާދަމް ރިޔާސީ ކޮމިޝަނަށް ދީފައިވާ ބަޔާނުގައި 2012 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ
އިންޓެލިޖެންސްގައި އިސްމާޢީލް ޝަމީމް އާދަމް މަސައްކަތް ކުރަމުން ދިޔައިރު، އަފްރާޝިމް ޢަލީގެ މަރުގެ މައްސަލައާ ގުޅިގެން ފޯން އިންޓަރސެޕްޓް ކުރަމުންދިޔައިރު، 4 މިލިއަން ރުފިޔާގެ މުޢާމަލާތަކާ ގުޅޭ ވާހަކައެއް ޢަބްދުﷲ ޖާވިދު ދައްކާ ވާހަކަ ހިމެނޭ އޯޑިއޯއެއް އިންޓެލިޖެންސްގައި މަސައްކަތްކުރަމުން ދިޔަ ފަރާތެއް އިސްމާއީލް ޝަމީމް އާދަމްއަށް ގެނެސްދިން ކަމަށް ބުނެފައިވާކަން ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެ އެވެ، އަދި އެ އޯޑިއޯ ގެނެސްދިނީ ކޮން ފަރާތެއް ކަމެއް ނޭނގޭ ކަމަށާއި އެ އޯޑިއޯ އަޑުއެހި ކަމަށް އިސްމާޢީލް ޝަމީމް އާދަމް ބުނެފައިވެއެވެ.

އޭގައި އެއްކޮޅުން ވާހަކަ ދައްކަމުން ދިޔައީ، ޢަބްދުﷲ ޖާވިދު ކަމަށާއި، އަދި އަނެއްކޮޅުން ވާހަކަ ދައްކަމުން ދިޔައީ ކޮންމެވެސް ވިޔަފާރި ވެރިއެއް ކަމަށް ޤަބޫލުކުރެވޭ ކަމަށާއި، އެހެންނަމަވެސް، އަނެއް ކޮޅުން ވާހަކަ ދައްކަމުން ދިޔައީ، ސީދާ ކޮންފަރާތެއްކަން ހޯދުނު ކަމެއް އެނގިފައި ނުވާކަމަށްބުނެފައިވެއެވެ. އެ އޯޑިއޯގައި ބުނަނީ، 3 މިލިއަން ނޫނީ 4 މިލިއަންގެ ފައިސާ ހުރީ ހަމަޖެހިފައިކަމަށާއި، މަސައްކަތް ފަށަންވީ ކަމަށް ކަމަށްވެސް ބުނެފައިވެ އެވެ. އެ އޯޑިއޯ ތަހްގީގު ޓީމަށް ދިން ކަމަށް ޝަމީމް ރިޔާސީ ކޮމިޝަނުގައި ވިދާޅުވި ނަމަވެސް ދެވުނީ ތަހްގީގު ޓީމުގެ ކާކާ ކަމެއް ހަނދާން ނެތް ކަމަށްބުނެވެ އެވެ. ފަންްޑުކުރި މީހާ އާއި އެ ކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ތުހްމަތު ކުރެވޭ މީހާއާ ދެކެވުނު ވާޙަކަތަކުގެ ފޯން ކޯލް އޯޑިއޯއާ ގުޅޭ ގޮތުން ޝަމީމް ދެއްކެވި ވާހަކަތަކުގެ ހަގީގަތް ހޯދުމަށް ރިޔާސީ ކޮމިޝަނުން 20 އޮކްޓޯބަރ 2019ގައި ފުލުހުންނަށް ފޮނުވި ސިޓީގެ ޖަވާބެއް އެ ރިޕޯޓް ނެރުމާ ހަމައަށްވެސް ނުލިބުނު ކަމަށް ފާހަގަކޮށްފައިވެ އެވެ، އެހެން ކަމުން ފަންޑްކުރި މީހުން ދެނެގަތުމަށް ފުލުހުނަށް ލިބުނު ހެކި ޗެއިން އޮފް ކަސްޓަޑީގެ ތެރެއިން ގެންގުޅެން ޖެހޭއިރު އެއަށް ވީ ނުވީއެއް ނޭނގި އޮތުމުން އިތުރު ސުވާލުތަކެއް އުފެދެ އެވެ.

ޝާން އާއި އަޒްލީފާ ހުމާމް ސައްލާކުރި ކަމަށް ހެކި ލިބޭ ވީޑިއޯ ފޫޓޭޖް މިހާރު ފުލުސް އޮފީހުގައި ނެތް

ހުމާމްގެ އިއުތިރާފުގެ ބަޔާނުގައި އަފްރާޝީމް މަރާލުމުގެ މަސައްކަތް ހަވާލުކުރުމުގެ ސައްލާ ކޮށްފައިވަނީ ޖަލަފީނޯގައި އޭގެ އެއްދުވަސްކުރިންނެވެ. ޖަލަޕީނޯ ކުރިމަތީގައި ހުރި ޕޮލިސް ސީސީޓީވީ ކެމެރާ އިން 1 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ފުޓޭޖުތަކުން އެތަނުގައި ހަރަކާތްތެރިވި މީހުން ފެންނަން ހުރިއިރު އަދި އެ ފުޓޭޖުތައް ފުލުހުން ނަގައިގެން ބަލާފައިވާ ކުރިން ބަލާފައިވެ އެވެ. ނަމަވެސް މިހާރު އެފުޓޭޖް މޯލްޑިވްސް ޕޮލިސް ސަރވިސްގައި ނެތުމުން އެ ފުޓޭޖުތައް ކޮމިޝަނަށް ބެލިފައެއް ނުވާ ކަމަށް ރިޔާސީ ކޮމިޝަނުގައި ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަފްރާޝީމް މަރާ ގުޅޭ މުހިންމު އެ ވީޑިއޯ ފޫޓޭޖް ނެތުމުން ދެން އަލުން އެކަންކަން ތަހްގީގުކުރުމަށް އެއީ ހުރަހަކަށްވާނެ އެވެ.

އަފްރާޝީމް އަވަހަރާކޮށްލިތާ ދެ އަހަރު ފަހުން އިސްކޮށް އުޅުނު އަޒްލީފް ރާއްޖެއިން ފުރައިގެންވަނީ ގޮސްފައި

އަފްރާޝީމްގެ މަރަށް އިންސާފު ނުލިބި އަދި އޭގެ އަޑީގައި ތިބި މީހުންނަކީ ކޮބައިކަން ދެނެ ނުގަނެ އިތުރުވާ ކޮންމެ ދުވަހަކީ އިންސާފަށް އެޅޭ ހުރަހެކެވެ. ފުލުހުންނާއި އަދި ރިޔާސީ ކޮމިޝަނުންވެސް އެއްބަސްވާ ގޮތުގައި ޑރ.އަފްރާޝީމް އަވަހާރަކުރުމުގެ އަމަލީ އޮޕަރޭޝަނުގައި އިސްކޮށް ހުރީ ހ. ހިލްޓަން އަޒްލިފް ރައޫފެވެ. ނަމަވެސް އަފްރާޝީމް އަވަހާރަކޮށްލިތާ ދެ އަހަރު ފަހުން، 2014 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު އަޒްލީފާއި އިތުރު ބަޔަކު ރާއްޖެއިން ފުރައިގެން ޖިހާދުކުރުމަށް
ސީރިޔާއަށް ގޮސްފައި ކަމަށް ތަހްގީގު އިދާރާތަކުން މިހާރު ވަނީ ނިންމާފައި އެވެ. އެހެން ކަމުން އެކަމުގެ އިސްކޮށް އަމަލީ ގޮތުން ބައިވެރިމީހާގެ މައްޗަށް ދެން ދައުވާކުރެވި އަދަބު ދެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

އަފްރާޝީމަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ ބަޔަކު މަންޒަރުން ގެއްލިފައި

ޑރ.އަފްރާޝީމަށް ސީދާ ހަމަލާދިން ކަމަށް ފުލުހުންގެ ތަހްގީގަށް އެނގިފައިވަނީ ހުމާމް އާއި އަލީ ޝާން (ސަޓޯ) އާއި އޭރު 18 އަހަރު ނުފުރޭ އެކަކު ކަމެވެ. އެ ތިން މީހުންގެ މައްޗަށް ދައުވާކުރި ނަމަވެސް ހަމަ އެކަނި ކުށް ސާބިތުވީ ހުމާމްގެ މައްޗަށެވެ. ނަމަވެސް ރިޔާސީ ކޮމިޝަނުން ހޯދި ހޯދުންތަކުން އަފްރާޝީމަށް ހަމަލާދިނުމުގައި ބައިވެރިވީ ހަމައެކަނި އެ ތިން މީހުން ނޫކަމަށް ބެލެވެ އެވެ. އަފްރާޝީމަށް ހަމަލާދިން ވަގުތު ބޭރުގައި ފާހަޔަށް ހުރި އެކަކު ވަނީ ސިއްރު ހެކިވެރިއެއް ގޮތައް އެ ކޮމިޝަނަށް ބަޔާންދީފައި އެވެ.

ޑރ. އަފްރާޝީމް ޢަލީ މަރާލި ހާދިސާ ހިނގި ސަރަހައްދު ފުލުހުން ބަންދުކޮށްފައި — ޕޮލިސް ފައިލް ފޮޓޯ

އެ ބަޔާނުގައި ހަމަލާދިން ފަހުން އެގެއަށް އޭނާވެސް ވަތް ކަމަށާއި އެ ވަގުތު އެ ގޭ ސިޑިމަތިން އެހެން ބަޔަކު ވާހަކަ ދައްކާ އަޑުއިވުނެވެ. އަދި އެ އަޑަށް އަލީ ޝާން އާއި ހުމާމް ވެސް ވަރަކަށް ބިރުން ނޫޅޭތީ އެއީވެސް އޭގެ ބައިވެރިކަން އެނގުނު ކަމަށްބުނެ އެ ކޮމިޝަނަށް ބަޔާންދީފައިވެ އެވެ. ނަމަވެސް މިހާތަނަށްވެސް އެމީހުންގެ މައްޗަށް ދައުވާކޮށްފައިނުވާއިރު އެމީހުންކަމަށް ކަމަށް ތުހްމަތުކުރެވޭ ބަޔަކު ހަމައެރޭ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވެ އެވެ. އެހެން ކަމުން އަފްރާޝީމަށް ސީދާ ހަމަލާދިން މީހުންގެ ތެރޭގައި ހުމާމްގެ އިތުރުން ވެސް އެހެން ބަޔަކު ޝާމިލްވި ނަމަވެސް ދެން އެމީހުން އަތުވުމަކީވެސް ނާދިރުކަމެކެވެ.

ފައިސާ ހަމަޖައްސި ކަމަށްބުނާ ޢަބްދުﷲ ޖާވިދު އަށްވީ ގޮތެއް ނޭނގުނު

"ހުމާމު ވެލިދޫގައި ހުއްޓާ، މާލެއަށް އައުމަށް އަޒްލިފް ރައޫފް އެންގުމުން ހުމާމް މާލެއަށް އައީ 2012 ސެޕްޓެމްބަރ 25 ހާ ހިސާބުގައެވެ. ވެލިދޫ އިން މާލެއަށް އައި ދުވަހުގެ ހަވީރު އަޒްލިފް އާއި އެހެންބަޔަކު ޖަލަޕީނޯ އިން ހުމާމް އާއި ބައްދަލުކުރިއެވެ.

އަދި ފައިސާ ހަމަޖައްސަނީ ޖަރީމާގޭ ޢަބްދުﷲ ޖާވިދު ކަމަށާއި، އެއީ ރީކޯ މޫސަ ދޭ ފައިސާއެއް ކަމަށް އަޒްލިފް ރައޫފް
ހުމާމް ގާތުގައި ބުންޏެވެ. އަދި މިކަމަށް ޚަރަދު ކުރަނީ ރީކޯ މޫސާ މަނިކު ކަމަށް މ. ޖަރިމާގެ ޢަބްދުﷲ ޖާވިދު ހުމާމް ގާތުގައި
ބުނިކަމަށް ހުމާމް ބުނެފައިވެއެވެ. އަދި ހުމާމް އަށް އެއް މިލިޔަން ރުފިޔާ ދޭނެކަމަށް އަޒްލިފް ބުންޏެވެ."

މިއީ ރިޔާސީ ކޮމިޝަނުގައި ބުނެފައިވާ ގޮތެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އަބްދުﷲ ޖާވިދު މައްޗަށް އެކަން ސާބިތުކުރެވޭނެ އެއްވެސް ހެއްކެތް ތަހްގީގު އިދާރާއަކަށް ނުދެއްކުނެވެ. އެހެންވެ އޭނާ ބަންދުގައި ބެހެއްޓުމަށްފަހު އެންމެ ފަހުން ދޫކޮށްލީ އެވެ،

އުނގޫފާރު ދާއިރާގެ މެމްބަރުކަން މިހާރު ފުރުއްވަމުންގެންދަވާ އިބްރާހިމް ވަހީދު(ވައްޑެ) ވިދާޅުވި ގޮތުން އެކަމުގައި މަރުކޮމިޝަނުގެ އިހްމާލްތަކެއްވެސް އެބަ އޮތެވެ.

އަފްރާޝީމްގެ މަރުވެސް ހިމެނޭ ގޮތައް މަރުތަކުގެ ހަގީގަތް ހޯދަން އުފެއްދި ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައް ލަސްކަމަށް ވަހީދު ވިދާޅުވި އެވެ. އަދި އެ މައްސަލައިގައި ކުރިން ހަދާފައިހުރި ގޯސްތައް އެ ކޮމިޝަނުން ހާމަކޮށްނުދެވުމާއި މަަސައްކަތްތައް ރައްޔިތުންނަށް ތިލަކޮށް ނުދެވުމަކީވެސް އިންސާފަށް އެޅުނު ހުރަހެއް ކަމަށް ވައްޑެ ވިދާޅުވި އެވެ.

ޑރ.އަފްރާޝީމްގެ މަރުގެ ހަގީގަތް ނުހޯދި ނުވަ އަހަރު ފާއިތުވިއިރު ދެން އެކަން ވުމަށް ވުރެ ނުވުމަކީ ގާތްކަމަށް ވަނީވެފައި އެވެ. މަރުގެ ހަގީގަތް ނުހޯދުނު ސަބަބު ވެސް މިހާރު އޮތީ ތަހްގީގުކުރަންޖެހިފައި އެވެ. ސަބަބަކީ މުހިންމު ހެކިތަކެއް ވީނުވީއެއް ގެއްލުމާއި މަރުގެ އަސްލު ސަބަބު ފުލުހުންނާއި ރިޔާސީ ކޮމިޝަނުން ތަހްގީގުކުރިއިރު ފެނުން ގޮތްވެސް ތަފާތުވުމުންނެވެ. ބައެއް މީހުން ތަހްގީގަށް ދޮގު މައުލޫމާތުވެސް ދީފައި އެބަ ހުއްޓެވެ. ޑރ.އަފްރާޝީމަށް ހަމަލާދިން ކަމަށް ތުހްމަތު ކުރެވޭ މީހުން އެތައް ދުވަހެއް ފަހުން ރާއްޖެއިން ފުރައިގެން ދިއުމަކީވެސް ބަޔަކު ގަސްތުގައި ކުރި ކަމެއްތޯ ބަލަންޖެހެ އެވެ. ފުލުސް އޮފީސް ތެރެއިން މި މައްސަލަ ބެލުމުގައި އިހްމާލު އޮތްތޯ ތަހްގީގުކުރަންޖެހެ އެވެ. އެ މަރަށް ފަންޑުކުރި މީހުން އޭގެ ފަހުންވެސް އުޅެމުންދިޔަ ގޮތް ބެލީ ކިހާ ވަރަކަށްތޯ ވެސް ދެނެގަންނަން ޖެހެ އެވެ. އެމީސް މީހުނަށް އިންޓެލިޖެންސްއިން ފާރަވެރިވީ ކިހާ މިންވަރަކަށްތޯ ވެސް މިހާރު ދެނެގަންނަން ޖެހެ އެވެ.