Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ޔުނައިޓެޑް އެއްވަރު، ޗެލްސީ އެއްވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން އެއްވަރުވިއިރު، ފަހުވަގުތު ކާމިޔާބުކުރި ގޯލުތަކުން ސައުތްހެމްޓަންގެ މައްޗަށް 3-1 އިން ކުރި ހޯދައި ޗެލްސީން ލީގުގެ އެއްވަނަ އަށް އަރައިފިއެވެ.

އެންމެފަހުން ލީގުގައި ކުޅުނު މެޗުން ބަލިވި ޔުނައިޓެޑް މިއަދު އެއްވަރުވީ އެވަޓަންއާ ބައްދަލުކޮށް 1-1 އިންނެވެ.

މިރޭގެ މެޗުތަކާއެކު ލީގުގެ އެއްވަނައިގައި ޗެލްސީ މިހާރު އޮތީ 16 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ލިވަޕޫލް އަދި ތިންވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވަނީ 14 ޕޮއިންޓެވެ.

ޗެލްސީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޗެލްސީންނެވެ. އެގޮތުން މެޗުގެ 9 ވަނަ މިނެޓްގައި މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ޑިފެންޑަރު ޗަލޮބާއެވެ. މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ވެސް ޗެލްސީން ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ.

އެ ފުރުސަތުތަކުގެ ބޭނުން ޗެލްސީ އަށް ނުހިފުނުއިރު މެޗުގެ 61 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ވާޑް ޕްރޯސް ވަނީ ސައުތްހެމްޓަން އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ މެޗުގެ 77 ވަނަ މިނެޓްގައި ވޯޑް ޕްރޯސް އަށް ރަތްކާޑު ދައްކާފައެވެ.

މެޗުގެ ބާކީބައި 10 ކުޅުންތެރިންނާއެކު ސައުތްހެމްޓަން އިން ފުރިހަމަ ކުރަން ޖެހުނުއިރު ޗެލްސީ އަށް މެޗުގެ 84 ވަނަ މިނެޓްގައި އަލުން ލީޑު ނަގައިދިނީ ޓިމޯ ވާނާ އެވެ. އަދި މި މެޗުން ތިން ޕޮއިންޓު ޗެލްސީ އަށް ކަށަވަރުކޮށްދިން ގޯލު މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބެން ޗިލްވެލްއެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑުން މިއަދު ކުޅުނު މެޗު ފެށީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕޯލް ޕޮގްބާ ބެންޗުގައި ބޭތިއްބުމަށްފަހު އެވެ. މި މެޗުގެ 43 ވަނަ މިނެޓްގައި އެންތޮނީ މާޝިއަލް ޔުނައިޓެޑަށް ލީޑު ނަގައިދިން ނަމަވެސް މެޗުގެ 65 ވަނަ މިނެޓްގައި އެވަޓަން އިން އުފެއްދި ކައުންޓަ އެޓޭކެއްގައި ޓައުންސެންޑް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ އެވަޓަން އިން އިތުރު ގޯލެއް ވެސް ކާމިޔާބުކޮށްފައިވެއެވެ. ނަމަވެސް އެވަޓަންގެ ޑިފެންޑަރު ޔެރީ މީނާ ކާމިޔާބުކުރި ގޯލު ރެފްރީ ވަނީ ވީއޭއާރް ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމާފައެވެ.