Last Updated: April 24, 17:03
Wednesday, April 24, 2024
ކުޅިވަރު

ސުއަރޭޒްގެ ގޯލާއެކު އެތުލެޓިކޯ އިން ބާސާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ލުއިސް ސުއަރޭޒްގެ ގޯލާ އެކު އެތުލެޓިކޯ މެޑްރިޑުން 2-0 އިން ބާސެލޯނާ ބަލިކޮށްފި އެވެ.

މި މޮޅާއެކު އެތްލެޓިކޯ އޮތީ 17 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ރެއާލް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ބާސާ އޮތީ 12 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގައެވެ.

އެތްލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 23 ވަނަ މިނެޓްގައި ތޯމަސް ލެމާ ވަނީ އެތްލެޓިކޯ އަށް ލީޑު ނަގާދީފައެވެ. ނަތީޖާ އެއްވަރުކޮށްލަން ބާސާގެ ކުޓީނިއޯ އަދި ފްރެންކީ ޑި ޔޮންގް އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެ ފުރުސަތުތަކުގެ ބޭނުން ބާސާ އަށް ނުހިފުނުއިރު މެޗުގެ 44 ވަނަ މިނެޓްގައި ސުއަރޭޒް ވަނީ އެތްލެޓިކޯގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ސުއަރޭޒަކީ މިދިޔަ އަހަރު ބާސެލޯނާ އިން އެތުލެޓިކޯ އަށް ވިއްކާލި ކުޅުންތެރިއެކެވެ. އެގޮތުން ގޯލަށްފަހު ބާސާ އަށް އިހުތިރާމް ކުރުމުގެ ގޮތުން ބާސާ ކޮޅަށް ގޯލު ޖެހުމަށް ފަހު ސުއަރޭޒް އެހާ ބޮޑަށް އުފާފާޅެއް ނުކުރެ އެވެ.

ނަމަވެސް ގޯލަށްފަހު ސުއަރޭޒް ވަނީ ކަންފަތް ކައިރީގައި އިނގިލިތައް ޖެއްސުމަށް ފަހު އިޝާރާތުން ފޯނު ކޯލެއް ނަގާ މަންޒަރު ދައްކާލާފައެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން މިއީ ސުއަރޭޒަށް ބާސާގައި މުސްތަގުބަލެއް ނެތްކަން އެންގި ބާސާގެ ކޯޗު ރޮނަލްޑް ކޫމަން އަށް ދިން މެސެޖެކެވެ.

މެޗުގެ ދެވަނަ ހާފްގައި އެތްލެޓިކޯ އަށް ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ފުރުސަތުތަކެއް ލިބިފައިވެއެވެ. ލީގުގައި މިހާތަނަށް ހަތް މެޗު ބާސާ އިން ކުޅެ ނިމުނުއިރު އެޓީމު ވަނީ ތިން މެޗުން ބަލިވެފައެވެ. ބާސާ އަށް މޮޅުވެފައިވަނީ ތިން މެޗުންނެވެ.