Last Updated: April 25, 22:42
Friday, April 26, 2024
ކުޅިވަރު

ލީގުގައި ފުރަތަމަ ފަހަރަށް ރެއާލް ބަލިވެއްޖެ

އެސްޕަނިޔޯލް އަތުން 2-1 އިން ބަލިވެ، ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑް މެޑްރިޑް ލީގުގައި ފުރަތަމަ ފަހަރަށް ބަލި ވެއްޖެ އެވެ.

މި މެޗާއި ރެއާލް އިން ކުރިމަތިލީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މޮލްޑޯވާގެ ޝެރިފް އަތުން 2-1 އިން ބަލިވި މެޗުން އަރައިގަތުމުގެ އުއްމީދާއެކުއެވެ.

އެސްޕަނިޔޯލްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ 17 ވަނަ މިނެޓްގައި ރައުލް ވަނީ އެސްޕަނިޔޯލް އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 60 ވަނަ މިނެޓްގައި އެލެކްސް ވިޑާލް ވަނީ އެސްޕަނިޔޯލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މި މެޗުގައި ރެއާލްގެ ހަމައެކަނި ގޯލު މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާ އެވެ. މި ގޯލަށްފަހު ނަތީޖާ އެއްވަރުކުރަން ރެއާލް އިން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް ވަނީ އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

މި ނަތީޖާއާއެކު ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. އެސްޕަނިޔޯލް އޮތީ 9 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގައެވެ.