Last Updated: April 26, 20:24
Friday, April 26, 2024
ކުޅިވަރު

ބަންގްލަދޭޝް އިން އިންޑިއާއާ އެއްވަރުކޮށްފި

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ބަންގްލަދޭޝް އާއި އިންޑިއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މިއީ ބަންގްލަދޭޝް އިން މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެޓީމުން ވަނީ ސްރީލަންކާގެ މައްޗަށް 1-0 އިން ކުރި ހޯދާފައެވެ. މިއީ އިންޑިއާ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ 25 ވަނަ މިނެޓްގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ޗެތްރީ މި ގޯލު ކާމިޔާބުކުރީ އުދަންތާ ސިންގް އަރިމަތިން އޭރިއާތެރެއަށް ހިފައިގެން ވަދެ ހުރަސްކޮށްލި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މި ގޯލަށްފަހު ވެސް ޗެތްރީ ވަނީ ބަންގްލަދޭޝްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އޭރިއާބޭރުން ޗެތުރީ ފޮނުވާލި އެ ހަމަލާ ބަންގްލަދޭޝްގެ ކީޕަރު އަނީސުރް ރަހްމާން ޒީކޯ ވަނީ ދިފާއުކޮށްފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަންގްލަދޭޝް އިން ވެސް ވަނީ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ބިޕްލޯ ފޮނުވާލި އެ ހަމަލާ ދިފާއުކުރީ އިންޑިއާގެ ކީޕަރު ގުރްޕްރީތުއެވެ.

އިންޑިއާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ބަންގްލަދޭޝް ޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 54 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު ބިޝްވަނާތު ގޯޝް އަށް ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ރަތްކާޑު ދެއްކީ އިންޑިއާގެ ލިސްޓަން ކޮލާސޯ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

10 ކުޅުންތެރިންނާ އެކު މެޗުގެ ބާކީބައި ބަންގްލަދޭޝް އިން ފުރިހަމަ ކުރަން ޖެހުނުއިރު އިންޑިއާ އިން ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މަންވީރު އާއި އުދަންތާ ފޮނުވާލި ހަމަލާތައް ދިފާއުކުރީ ބަންގްލަދޭޝްގެ ކީޕަރެވެ.

ލީޑު ފުޅާކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުން އިންޑިއާ އަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 73 ވަނަ މިނިޓްގައި ބަންގްލަދޭޝް އިން ނަތީޖާ އެއްވަރު ކުރުމެވެ. ބަންގްލަދޭޝްގެ ޔާސީން އަރަފާތު މި ގޯލު ކާމިޔާބުކުރީ އިންޑިއާގެ ގޯލު ކުރިމަތީގައި ހުސްކޮށް ހުރެ ބޮލުން ފޮނުވާލައިގެންނެވެ.

މެޗުގެ ފަހުކޮޅު ދެ ޓީމުން ވެސް ލީޑު ނަގަން މަސައްކަތް ކުރި ނަމަވެސް ދެ ޓީމުން ކުރެ ޓީމަކަށް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

މި މުބާރާތުގައި މިރޭ ސްރީލަންކާ އާއި ނޭޕާލް ބައްދަލުކުރާނެ އެވެ. އެ މެޗު ފަށާނީ މިރޭ 9 ޖަހާއިރުއެވެ.