Last Updated: April 26, 10:52
Friday, April 26, 2024
ވިޔަފާރި

މީދޫ ޓާފް ދަނޑުގެ މަސައްކަތް ނުފެށޭތީ ޒުވާނުން އިހުތިޖާޖުގައި

މީދޫ އަވަށު އޮފީހުގައި ޒުވާނުން ކުރިއަށްގެންދާ ސުލްހަވެރި އެއްވުން / ފޮޓޯ - އައްޔޫބު

އައްޑޫ ސިޓީ މީދޫ އަވަށުގައި އަޅަން ނިންމާފައިވާ ޓާފް ދަނޑު އެޅުން ލަސްވަމުންދާތީ އެ އަވަށުގެ ޒުވާނުން އިހުތިޖާޖުކުރަން ފަށައިފިއެވެ.

މީދޫ އަވަށު އޮފީހުގައި ކުރިއަށް ގެންދާ މި ސުލްހަވެރި އިހުތިޖާޖުގައި މީދޫގެ ޒުވާނުން އަންނަނީ ބައިވެރިވަމުންނެވެ.

މީދޫ އަވަށުގައި ފުޓްސަލް ދަނޑެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ފުރަތަމަ ކުރި އިއުލާން ވަނީ ބާޠިލުކޮށްފައެވެ. އަދި ދެވަނަ ފަހަރަށް މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ އޮގަސްޓު މަހު ތެރޭގައި ވަނީ އިޢުލާންކޮށްފައެވެ.

މިކަމާ ގުޅޭގޮތުން މީދޫ އަވަށުގެ ކައުންސިލަރު އާމިނަތު ޞާލިޙާ ވިދާޅުވީ، ބިޑަށް ހުޅުވާލި ފުރަތަމަ ފުރުސަތާއެކު އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް އެ މަސައްކަތްކުރަން ހަވާލުކުރުމަށް ނިންމިކަމަށާއި ނަމަވެސް ޔޫތު މިނިސްޓްރީން އެކަމަށް ހުއްދަ ނުލިބުނުކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެވަނަ ފަހަރަށް ބިޑަށް އިޢުލާންކުރި ކަމަށާއި، ދެވަނަ ފަހަރު ބިޑް ހުށަހެޅި ފަރާތްތަކުގެ ބިޑް އިވޭލުއޭޝަންގެ ކަންކަން ކައުންސިލުން ނިންމުމަށްފަހު މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފޮނުވާފައިވާކަމަށް ކައުންސިލަރު ޞާލިޙާ ވިދާޅުވިއެވެ.

މީދޫއަކީ ކުޅިވަރަށް ލޯބިކުރާ ޒުވާނުން ދިރިއުޅޭ އަވަށެކެވެ. މީދޫގައި ޓާފް ދަނޑެއް އެޅުމަށް މިއަހަރުގެ ބަޖެޓުގައިވެސް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މި މަސައްކަތް ނުފެށި ލަސްވެގެން ދިއުމަކީ ޒުވާނުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ.