Last Updated: April 19, 19:29
Friday, April 19, 2024
ކުޅިވަރު

ބިދޭސީންނަށް މެޗު ބަލަން ވަދެވޭނީ ވިސާ ދެއްކުމުން: އެފްއޭއެމް

ބަންގްލަދޭޝް ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން - ފޮޓޯ: މިހާރު

މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބެލުމަށް ބޭރު ގައުމުތަކުގެ ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނީ ވޯކްޕާމިޓް ނުވަތަ ވިސާ ދެއްކުމުން ކަމަށް އެފްއޭއެމް އިން ބުނެފިއެވެ.

އެފްއޭއެމް އިން މިއަދު ބުނީ ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓުގައި އެހެން ގައުމެއްގެ ސަޕޯޓަރުންނަށް މެޗު ބަލަން ނުވަދެވޭނެ ކަމަށެވެ. އަދި އެހެން ގައުމެއްގެ ސަޕޯޓަރުންނަށް މެޗު ބަލަން ވަދެވޭނީ ވޯކް ޕާމިޓް ނުވަތަ ވިސާ ދެއްކުމުން ކަމަށްވެސް އެފްއޭއެމް އިން ބުނެއެވެ.

ސާފް ޗެމްޕިއަންޝިޕްގައި މެޗު ބަލަން ދަނޑަށް ވެއްދުމަށް ނިންމާފައިވަނީ 5000 ސަޕޯޓަރުން ކަމަށްވާއިރު ރާއްޖެ މެޗުތައް ކުޅޭއިރު އަވޭ ޓީމަށް ވިއްކަން ނިންމާފައިވަނީ 350 ޓިކެޓެވެ. ހޯމް ޓީމު މެޗުތައް ކުޅޭއިރު އަވޭ ޓީމަށް ވަކި އަދަދަކަށް ޓިކެޓު ވިއްކުމަކީ އާންމު ކަމެކެވެ. ނަމަވެސް ބޭރު ގައުމުތަކުގެ ސަޕޯޓަރުންނަށް ވިސާ ނުވަތަ ޕޯކް ޕާމިޓާއި ނުލައި މެޗުތައް ބަލަން ނުވަދެވޭ ގޮތް މީގެކުރިން ހެދިކަމެއް އެނގިފައެއް ނުވެއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ބުރާސްފަތި ދުވަހުގެރޭ ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ބަންގްލަދޭޝް އިން ވަނީ މިހާތަނަށް ދެ މެޗު ކުޅެފައެވެ. ރާއްޖެ ފިޔަވައި މެޗުތައް ބަލަން އެންމެ ގިނައިން ދަނޑަށް ވަންނަނީ ބަންގްލަދޭޝްގެ ސަޕޯޓަރުންނެވެ. ދެން އެންމެ ގިނައިން ވަންނަނީ ނޭޕާލްގެ ސަޕޯޓަރުންނެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން 1-0 އިން ވަނީ ބަލިވެފައެވެ.