Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މިސްކިތްތަކަށް ކުޑަކަމުދަނީ ސަރުކާރުން ބާރުދީގެން: އަދުރޭ

އަބްދުއްރަހީމް އަބްދުﷲ - ފޮޓޯ: ޕީޕީއެމް

މިސްކިތްތަކަށް ކުޑަކަމުދަނީ މި ސަރުކާރުން ބާރުދީގެން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ތުހުމަތު ކުރައްވައިފިއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި ފިރިހެނަކު ވަދެ ކުޑަކަމުދިޔަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ފުލުހުން ބުނިގޮތުގައި މިހާތަނަށް ބެލިބެލުމުން އެ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ.

ރޭ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ މަގުމަތީގައި ދީނަށް ފުރައްސާރަ ކުރާ މީހުން ވަނީ މަސްތުގެ ހާލަތުގައި ތިބޭ ބަޔަކަށް ކަމަށާއި އަދި މިސްކިތަށް އަރާ ކުޑަކަމުދާ މީހުން ވަނީ ނުކުޅެދޭ މީހުންނަށް ކަމަށެވެ. އެގޮތުން މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ލާދިނީ ކަންތައްތައް ފަތުރަން ބޭނުންވުމުން ބޭނުންކުރާ ވަސީލަތެއް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

"މިއީ ހަމަ ހަގީގަތުގައި މިއަދުގެ ސަރުކާރުން ރާވައިގެން ހިންގާ ކަންތައްތައް. އެމީހުން ބާރުދީގެން މިސްކިތްތަކަށް އަރާ ކުޑަކަމުދަނީ ނޫނީ ބޮޑުކަމުދަނީ. އެމީހުން ރާވައިގެން މަގުމަތީގައި ދީނަށް ފުރައްސާކުރަނީ. އެމީހުން ރާވައިގެން ރަސޫލާ އަށް ހަޖޫޖަހާ ރިޕޯޓުތައް ނެރެމުން އެގެންދަނީ. އެމީހުން ރާވައިގެން ރާއްޖޭގެ މިނިވަންކަން ގެއްލުވާލަމުންދަނީ" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ މީގެއިން ކޮންމެ ކަމެއް ވެސް ދިމާވުމުން އެއީ ނުކުޅެދޭ މީހެއް، މޮޔަ މީހެއް، ބުއްދި ހަމަނުޖެހޭ މީހެއް ކަމަށް ބުނާ ކަމަށެވެ. ނަމަވެސް މިއީ ރައްޔިތުން ގަބޫލުކުރާ އަދި ބަލައިގަންނާނެ ވާހަކަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރާއި ދެކޮޅަށް އަޑުއުފުލައި މަގުމައްޗަށް ނިކުންނަން ޖެހެނީ މި ސަބަބާ ހުރެ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން މި ކަންކަން ކުރަން މަޖޫބުރުވާ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.