Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

އެސްޓިއޯއިން އެއާޕޯޓަށް ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުން އާކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އޭވިއޭޝަން ޖެޓް އޭ 1 ފިއުލް އަދި މެރިން ގޭސް އޮއިލް ސަޕްލައިކޮށް ދިނުމުގެ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާއެކު ވެފައިވާ އެއްބަސްވުން އާކޮށްފި އެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުހައްމަދު ރަޝާދެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ގޯޑަން އެންޑްރޫ ސްޓޫވަރޓްއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެސް.ޓީ.އޯ.އިން ތެޔޮ ފޯރުކޮށްދިނުމުގެ އެއްބަސްވުން އިތުރު އެއްއަހަރާއި ހަ މަސް ދުވަހަށް އާކޮށްފައިވާއިރު އެސްޓީއޯއިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް މެދު ނުކެނޑި ތެޔޮ ސަޕްލައި ކޮށްދޭ ތާ ގިނަ އަހަރު ތަކެއްވަނީވެފައެވެ.

މި އެގްރީމެންޓް ގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޭނުން ވާ އޭވިއޭޝަން ފިއުލް އަދި ޑީސެލް އެސް.ޓީ.އޯ އިން ސަޕްލައި ކޮށްދޭނެ ކަމަށް އެސްޓިއޯއިން މައުލޫމާތު ދީފައިވެ އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ތެޔޮ ސައިޕްލައި ކޮށްދިނުމުގެ އިތުރުން، ކައްދޫ، ކާޑެއްދޫ، އަދި ހަނިމާދޫ އެއަޕޯޓުގައި އޭވިއޭޝަން ރިފިއުލިންގ ޚިދުމަތްދެނީ އެސްޓީއޯއިންނެވެ.