Last Updated: April 25, 06:02
Thursday, April 25, 2024
ކުޅިވަރު

އަޑުބަރޭއާ ގުޅޭގޮތުން ސުވާލުކުރުމުން ސުޒެއިން ރަތަށް

ގައުމީ ޓީމުގެ މިޑްފީލްޑާ އަސްހަދު އަލީ (އަޑުބަރޭ) ގައުމީ ޓީމުގައި ހިމެނުމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުތައް ކުރުމުން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު އެޅިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވާލުމުގައި އަޑުބަރޭ ވަނީ ޖާމިނުވެފައެވެ. ބައެއް ފަރާތްތަކުން ވަނީ މުބާރާތް ފެށުމުގެ ކުރިން ވެސް އެފަދަ މައްސަލައެއްގައި ޖާމިނުވާ ފަރާތެއް ރާއްޖެ ތަމްސީލް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

ބައެއް ފަރާތްތަކުގެ ހިޔާލުތައް އެގޮތަށް ހުރި ނަމަވެސް މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ނޭޕާލާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިން ކޯޗު ސުޒޭން ވަނީ އަޑުބަރޭ އަށް ޖަގާދީފައެވެ. ނަމަވެސް އެ މެޗުގައި މާ ރަނގަޅު ކުޅުމެއް އޭނާ އަށް ދެއްކިފައެއް ނުވެއެވެ.

އަޑުބަރޭއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އާންމުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުކުރި ސުވާލުތަކާ ގުޅިގެން ކޯޗު ސުޒޭން ބުނީ އަޑުބަރޭއާ ގުޅޭގޮތުން ކުރި ސުވާލުގެ ވިސްނުމެއް އަދި މަގުސަދު އެއްގޮތަކަށް ވެސް ނޭނގޭ ކަމަށެވެ.

އޭގެފަހުން ސުޒޭން ވަނީ ގައުމީ ޓީމަށް ނަގައިގެން އުޅެނީ ރާއްޖޭގެ ގާނޫނުތަކާ ގަވާއިދުތަކާ އުސޫލުތަކާ ހަމަތަކުގެ ތެރެއިން ނަގަން އެއްވެސް ހުރަހެއް ނެތް ކުޅުންތެރިން ކަމަށް ބުނެފައެވެ.

"ރާއްޖޭގެ ގާނޫނަކުން އަދި ގަވާއިދަކުން ވެސް އަދި ވެކްސިނެއް ނުޖަހައިގެން ވެސް އަދި އެއްވެސް ގޮތަކުން ކުޅުމަށް ހުރަހެއް ކުރިމަތިވާނެ އެއްވެސް ކުޅުންތެރިޔެއް އަޅުގަނޑު ސެލެކްޓްކުރި ކުޅުންތެރިންގެ ތެރޭގައި ނެތް. އެއީ ޔަގީން ކަމެއް" ސުޒޭން ބުންޏެވެ.

މީގެއިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ވަނީ ރާއްޖޭގެ ކުޅިވަރު ރިޕޯޓަރުން "ތިކަހަލަ އެއްޗެހި" ނަގައިގެން މި ދަނޑިވަޅުގައި އުޅުމުގެ ބޭނުމެއް ނުވިސްނޭ ކަމަށްވެސް ބުނެފައެވެ.

މިދިޔަ ފުޓްބޯޅަ ސީޒަނުގައި ފަސް މެޗު ވެސް ކުޅެފައި ނުވާ އަޑުބަރޭ ގައުމީ ޓީމަށް ނަގާފައިވާއިރު، މިފަހަރު މުބާރާތަށް ނެގި ސްކޮޑުން ގައުމީ ޓީމުގެ މެދުތެރޭގައި ފާއިތުވި އަހަރުތަކުގައި މުހިއްމު ދައުރެއް އަދާކުރި މުހައްމަދު އާރިފް (ބަކާ) އަށް ޖާގަ ދީފައެއް ނުވެއެވެ. ބަކާ ވަނީ ގައުމީ ޓީމުން އޭނާ އަށް ޖާގަ ނުދިނީ ނުފޫޒެއްގެ ސަބަބުން ކަމަށް މީގެކުރިން ބުނެފައެވެ.