Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ހިދުމަތްތައް ފޯރުކޮށްދެނީ އެއްވެސް ތަފާތުކުރުމެއް ނެތި: ފެނަކަ

ހިދުމަތްތައް ފޯރުކޮށްދެމުން އަންނަނީ އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށް ފެނަކަ އިން ބުނެފިއެވެ.

ފެނަކަ އިން މިހެން ބުނެފައިވަނީ ލ.މާވަށު "އާފަރު" ކިޔާ ގޯތީގައި ހުރި ޢިމާރާތްތަކަށް ދެވިފައިވާ ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން ކަނޑާލުމާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ފެނަކަ އިން ބުނީ އެ ކުންފުނިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ ޚިލާފުވެ، ހޯދާފައިވާ ކަރަންޓުގެ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ދެވުނު ފުރުޞަތުތަކުގައި ވެސް ފައިސާ ނުދައްކައި، ދެވުނު އެންމެ ފަހު ފުރުޞަތު މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާތީ، ޢާންމުކޮށް ޢަމަލު ކުރުމަށް ކަނޑައަޅާފައިވާ އުޞޫލުގެ ތެރެއިން ލ.މާވަށު "އާފަރު" ކިޔާ ގޯތީގައި ހުރި ޢިމާރާތްތަކަށް ދެވިފައިވާ ކަރަންޓުގެ ޚިދުމަތް މިދިޔަ ހޯމަ ދުވަހު ވަގުތީގޮތުން ކަނޑާލާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ގޯތީގެ ވެރިފަރާތުން، ކުންފުނިން ހޯދާފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމަށް ޝަރުޢީ ކޯޓެއް މެދުވެރިކޮށް، ވަގުތީ ޢަމުރެއްގެ ދަށުން ދާއިމީ ފަރުވާއެއް ލިބޭނެ ޤާނޫނީ ބަހަނާއެއް ހޯދުމުގެ ބޭނުމުގައި، ލ.މާވަށު މެޖިސްޓރޭޓް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ނިންމައި ޙުކުމް ކޮށްފައިވާތީ ވަގުތީގޮތުން ޚިދުމަތް ކަނޑާލި ކަނޑާލުމާމެދު މިވަގުތަށް ޤާނޫނީ ބަޙުޘެއް އުފެދިފައި ނުވާ ކަމަށް ފެނަކަ އިން ބުނެއެވެ.

ފެނަކަ އިން ބުނީ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ އެއްވެސް ފަރާތެއް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ލާޒިމްކުރާ ޚިދުމަތްތަކަކަށް ވެފައި، ޚިދުމަތް ލިބިގަތުމަށް އޮންނަ އުޞޫލުތަކާ ޚިލާފުވެގެން ޢާންމު ފަރުދުން ދިރިއުޅޭ ގެތަކުން ވެސް ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން ކަނޑާލުމަކީ އަބަދުވެސް ޢަމަލުކުރަމުންދާ، ޤާނޫނީގޮތުން ވެސް މި ކުންފުންޏަށް ބާރުލިބިދީފައިވާ އުޞޫލެއް ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަން ގެއްލޭ ފަދަ ގޮތަކަށް، ރަސްމީ ޙައިސިއްޔަތު ބޭނުންކޮށްގެން އަމިއްލަ މަޞްލަޙަތު ކުރިއަށް ނެރެ، ރަށު ކައުންސިލްގެ ރައީސް މަޢުލޫމާތު ޙިއްސާކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފެނަކަ އިން ބުނެއެވެ.

"މި ކުންފުންޏަށް ނިސްބަތްކޮށް ވަކި ފަރާތަކުން ދައްކާ ވާހަކައަކާމެދު މި ކުންފުނީގެ ބަހެއް ހޯދުމަށްފަހު، ހަމަހަމަކަމާއެކު ކަމުގެ ދެފަރާތް ރައްޔިތުންނަށް ސާފުވާގޮތަށް ޚަބަރު ފެތުރުމަކީ މިނިވަން ނޫސްވެރިކަމުގެ އެންމެ އަސާސީ ސިފަ ކަމަށް ވީއިރު، އެ ޚަބަރު ފެތުރި މީޑިއާތަކުން އެއާ ޚިލާފަށް ޢަމަލުކޮށްފައިވުމަކީ ޒިންމާދާރުކަމެއް ނެތް ކަމެއް ކަމުގައި ވެސް މިކުންފުނިން ދެކެމެވެ" ފެނަކަ އިން ބުނެއެވެ.

މީގެއިތުރުން ފެނަކަ އިން ވަނީ އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޚިދުމަތް ހޯދާ ފަރާތްތަކާއެކު އެއްބަސްވެވޭ ވަކި ހަމަތަކަކާއި އުޞޫލުތަކެއްގެ ތެރެއިން ދެވޭ ޚިދުމަތްތަކެއް ކަމަށް ވީއިރު، އުޞޫލުން ބޭރުން ނުވަތަ ނުޙައްޤުން، އެއްވެސް ފަރާތަކަށް ދީފައިވާ ޚިދުމަތެއް ކަނޑާލުމަކީ ކުންފުނިން ކުރާނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

އެގޮތުން ދެވޭ ޚިދުމަތްތަކަކީ ހުރިހާ ފަރާތްތަކަށް އެއް އުޞޫލަކުން ޢަމަލުކުރެވިގެން ދެވޭ ޚިދުމަތްތަކަކަށް ވެފައި، ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނީ، އެއްބަސްވެވިފައިވާ އުޞޫލުތަކާއެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކޮށްގެން ކަމަށްވެސް ފެނަކަ އިން ބުނެއެވެ.