Last Updated: April 26, 15:47
Friday, April 26, 2024
ކުޅިވަރު

ބަންގްލަދޭޝްގެ ނޫސްވެރިޔާ އަށް ހުރަސް އެޅި އޮފިޝަލަށް އަދަބު ދެނީ

އުރީދޫ ސާފް ޗެމްޕިއަންޝިޕް ކަވަރު ކުރުމަށް ރާއްޖެ އައިސްފައިވާ ބަންގްލަދޭޝްގެ ނޫސްވެރިޔަކަށް ހުރަސްއެޅި އެފްއޭއެމްގެ އޮފިޝަލަށް ފިޔަވަޅު އަޅާނެ ކަމަށް އެމްއޭއެފްގެ ރައީސް ބައްސާމް އަދީލު ޖަލީލު ވިދާޅުވެއްޖެ އެވެ.

މި މުބާރާތުގައި މާދަމާ ރޭ ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާއިރު، މި މެޗަށް ޓިކެޓު ވިއްކި ގޮތާއި މެދު ބަންގްލަދޭޝްގެ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އެގޮތުން ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ނޫސްވެރިންގެ ތެރެއިން ޓީވީ ރިޕޯޓަރަކު ވަނީ ޓިކެޓް ވިއްކާ ކައުންޓަރު ކުރިމަތީ ހުރެ އެ ކަމާއި ގުޅޭގޮތުން މައުލޫމާތު ގެނެސްދީފައެވެ. އެ ރިޕޯޓަރު މައުލޫމާތު ގެނެސްދެނިކޮށް އެފްއޭއެމްގެ އޮފިޝަލަކު ވަނީ އެ ރިޕޯޓަރުގެ ކަރުގައި އޮތް މީޑިއާ ފާސް އަތުލަން މަސައްކަތް ކޮށްފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ބަންގްލަދޭޝްގެ ޓީވީ ޗެނަލަކުން ވަނީ ދައްކާފައެވެ.

އެކަމާއި ގުޅިގެން ބައްސާމް ވިދާޅުވީ އެ ނޫސްވެރިޔާއަށް ހުރަސް އެޅުން ބަލައިނުގަނެވޭނެ ކަމަށާއި މި މައްސަލަ ބަލާ އެކަން ކުރި އެފްއޭއެމްގެ އޮފިޝަލަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ނޭޕާލް އަތުން 1-0 އިން ބަލިވެފައެވެ. ލީގު އުސޫލުން ކުޅޭ މި މުބާރާތުގައި ކުރިއަށް ދިޔުމަށް މާދަމާ ރޭގެ މެޗުން މޮޅުވުން ރާއްޖެ އަށް ވަރަށް މުހިއްމެވެ. ބަންގްލަދޭޝް މިހާތަނަށް ވަނީ މުބާރާތުގައި ދެ މެޗު ކުޅެފައެވެ. އެއް މެޗުން އެޓީމު މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.