ސަރުކާރު ހިންގާ ކޯލިޝަނުގައި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އޮތީ ވަޒީފާ ބޭނުންވެގެން ނޫން ކަމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
އިއްޔެ އެމްއާރްއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ވިދާޅުވީ ކޯލިޝަން ހެދުމުގެ އެއްބަސްވުމާ ހަމައަށް ދިޔައިރު އެމްއާރްއެމް އަށް ނިސްބަތްވާ ބައެއް ފަރާތްތައް ތިބީ މަޝްވަރާ މޭޒަށް އާދެވޭ ހިސާބުގައި ނޫން ކަމަށާއި ނަމަވެސް އެމްއާރްއެމް ކޯލިޝަނުގައި ހިމެނެނީ ވަޒީފާ ބޭނުންވެގެނެއް ނޫން ކަމަށެވެ.
"އެމްއާރްއެމް ކޯލިޝަނުގައި ހިމެނެނީ ކޮންމެހެން މަގާމުތަކެއް ނޫނީ ވަޒީފާތަކެއް ބޭނުންވެގެނެއް ނޫން. އަޅުގަނޑުމެންގެ މަގުސަދަކީ އަޅުގަނޑުމެންގެ ހިޔާލާއި ވިސްނުން ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވެއްދުން" ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ އެ ފުރުސަތުގެ ތެރެއިން ވަރަށް މުހިއްމު މިނިސްޓްރީތަކެއް ލިބިފައިވާ ކަމަށާއި އެ މިނިސްޓްރީތަކުން ކަންކަން ހިންގުމުގައި އެމްއާރްއެމްގެ ހިޔާލާއި ވިސްނުން ފުރިހަމަ އަށް ހިއްސާކުރެވޭ ކަމަށެވެ. އަދި ކޯލިޝަނުގައި މަޝްވަރާ ކުރަން ވަކި ހާއްސަ ގުނަވަނެއް ނެތް ކަމަށްވީ ނަމަވެސް ބޭނުންވާ ހިޔާލެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށްވެސް ފާރިސް ވިދާޅުވި އެވެ.
"ކޯލިޝަނެއްގެ ތެރޭގައި ތިބޭއިރު ފުރަތަމަ ވާހަކަ ދައްކާނީ ސަރުކާރާ. ހިތްހަމަނުޖެހުމެއް މެމްބަރުންތެރޭ އުޅުނު ނަމަވެސް އަޅުގަނޑުމެން ހިއްސާކުރަނީ އިންޓާނަލީ. ބޭނުންވަނީ މި ސަރުކާރު ވަރަށް ކާމިޔާބު ކަމާއެކީ ވެފައި ހުރި ވައުދުތައް ފުއްދުމުގައި އެހީތެރިވާން" ފާރިސް ވިދާޅުވި އެވެ.