Last Updated: June 30, 20:43
Tuesday, July 1, 2025
ޚަބަރު

ދައުލަތް ހިންގަން ހަވާލުވި ވެރިން ފެއިލްވެއްޖެ: އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ

ދައުލަތް ހިންގަން ހަވާލުވި ވެރިން ފެއިލްވެފައިވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ޝަރީއަތް ނިމެންދެން "ވާނުވާ ބަންދެއްގައި" މާލޭ ޖަލުގައި ހުރި މީހަކު ރޭ ނިޔާވުމާ ގުޅިގެންނެވެ.

ޝަރީއަތް ނިމެންދެން ވާނުވާގައި ތިބޭ މީހުންގެ އަދަދު ގިނަވުމުން އިންސާފަށް ހުރަސް އެޅޭ ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފު ގާއިމްކޮށްދިނުމަކީ ކޯޓުތަކުގެ މައްޗަށް ގާނޫނު އަސާސީ ލާޒިމް ކުރާ ކަމެކެވެ.

އަލީ ވަހީދު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ވާނުވާ ޖެހުން ނިމުމަކަށް ގެންނާނެ ކަމަށް ވީ ވަޢުދު ޕްރޮސެކިއުޓަރ ޖެނެރަލްގެ ހަނދާނުގައި ހުރިތޯ ސުވާލުކުރައްވާފައެވެ. ޕީޖީ މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށާއި ޖަލުތަކުގައި އަދިވެސް ވާނުވާގައި އެތައް އަހަރެއް ވެފަތިބި ރައްޔިތުން އެބަތިބި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ދައުލަތް ހިންގަން ހަވާލުވި ވެރިން ބޮޑުތަނުން ފެއިލްވެއްޖެ" އަލީ ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދުގައި ތިބޭ މައްސަލަ އަށް އަދިވެސް އެދެވޭ ފަދަ ބަދަލެއް ނާންނަކަމަށް ޕީޖީ ދާދިފަހުން ވިދާޅުވެފައެވެ. އެހެންނަމަވެސް މިއަހަރު ތެރޭގައި ފާހަގަކުރެވޭ އިސްލާހީ ބަދަލެއް "ވާނުވާ" އަށް އަންނާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ބަންޑާރަނައިބު އެކުލަވާލާފައިވާ ޖިނާއީ މައްސަލަތަކުގައި އަމަލުކުރާ ސިޔާސަތުގައިވާ ގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލައާ ގުޅޭ ރިޕޯޓެއް އަހަރަކު ދެފަހަރު އެކުލަވާލައި ޕީޖީ އޮފީހުން މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. އެގޮތުން މިދިޔަ އަހަރުގެ ދެވަނަ ރިޕޯޓު ޑިސެމްބަރު 31 ވަނަ ދުވަހު މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

މި ރިޕޯޓުގައިވާ ގޮތުން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެވްރެޖްކޮށް މަހަކު 16 މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުތަކުން ވަނީ އަމުރުކޮށްފައެވެ. އަދި ރިޕޯޓް ތައްޔާރުކުރި މުއްދަތުގައި ޖުމްލަ 327 މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި ކަމަށް ވަނީ ބުނެފައެވެ.