Last Updated: April 23, 17:09
Tuesday, April 23, 2024
ކުޅިވަރު

އިޓަލީ ބަލިކޮށް ސްޕެއިން ނޭޝަންސް ލީގު ފައިނަލަށް

2-1 އިން އިޓަލީ ބަލިކުރުމަށްފަހު ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ސްޕެއިން ދަތުރުކޮށްފިއެވެ.

ސްޕެއިނުން އިޓަލީގެ މައްޗަށް ހޯދުމުން އިޓަލީ ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑަށް މިހާރު ވަނީ ނިމުން އައިސްފައެވެ. އެގޮތުން އިޓަލީން ވަނީ ރޭގެ މެޗާ ހަމައަށް އައިއިރު ބަލިނުވެ 37 މެޗު ހަމަކޮށް ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފައެވެ.

މިލާންގެ ސެން ސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 17 ވަނަ މިނެޓްގައި ފެރަން ޓޮރޭޒް ވަނީ ސްޕެއިނަށް ލީޑު ނަގާދީފައެވެ. ނަތީޖާ އެއްވަރުކޮށްލަން އިޓަލީގެ ފޯވާޑް ލޮރެންޒޯ އިންސިންޔޭ އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

އިޓަލީ އަށް މި މެޗުގައި އިތުރު މައްސަލަތަކެއް ދިމާވީ މެޗުގެ 42 ވަނަ މިނެޓްގައި އިޓަލީގެ ޑިފެންޑަރު ލިއަނާޑޯ ބޮނޫޗީ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ. އޭނާ އަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ސްޕެއިންގެ މިޑްފީލްޑަރު ބުސްކެޓްސް އަށް އުޅަނބޮށިން ދިން ހަމަލާއަކާ ގުޅިގެންނެވެ.

10 ކުޅުންތެރިންނާއެކު އިޓަލީން މެޗުގެ ބާކީބައި ފުރިހަމަ ކުރަން ޖެހުނުއިރު ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ޓޮރޭޒް ވަނީ ސްޕެއިންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އިޓަލީން މި މެޗުގައި ކާމިޔާބުކުރިި ހަމައެކަނި ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލޮރެންޒޯ ޕެލެގްރީނީ އެވެ.

މުބާރާތުގެ ފައިނަލްގައި ސްޕެއިން ބައްދަލުކުރާނީ މިރޭ ފްރާންސް އާއި ބެލްޖިއަމް ބައްދަލުކުރާ ސެމީފައިނަލުން މޮޅުވާ ޓީމަކާއެެވެ. ފައިނަލް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ.