ފޮރިން މިނިސްޓަރުގެ މަގާމުގައި ހުރެ އދގެ އާންމު މަޖިލީގުގެ ރައީސްގެ މަގާމުގައި ހުރުމުން އެކަމާ ކަންބޮޑުވުން ފާޅުކުރަނީ ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވާ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ފުރުއްވަމުން ގެންދަވާތީ އެކަމުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ޝާހިދަށް ފާޑުކިޔަމުންނެވެ. އަދި އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ބުނަމުންއާދެއެވެ.
އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ޝާހިދު ވިދާޅުވީ އދގެ އާންމު މަޖިލީހުގެ ރައީސްކަން ވަރަށް ގިނަ ގައުމުތަކުގެ ހާރިޖީ ވަޒީރުން ކުރައްވާފައިވާކަމަށެވެ. އަދި ރާއްޖޭގެ އެކި މަގާމުތަކުގައި އެކި ދުވަސްވަރު ތިއްބެވި ބޭބޭފުޅުން ބޭރުގެ އެކި މަގާމުތައް ފުރުއްވާފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ވިދާޅުވީ އެމަނިކުފާނު ދެ މަގާމުގައި ހުރެގެން އެކަމާ ކަންބޮޑުވުންފާޅު ކުރާ ފަރާތްތަކުން އެ ވާހަކަ ދައްކަނީ ދައްކާނެ އިތުރު ވާހަކައެއް ނެތުމުންނެވެ.
"ދެން ދައްކާނެ އެހެން ވާހަކައެއް ނެތިއްޔާ ކޮންމެވެސް ވާހަކައެއް ދައްކާލަންޖެހޭނެތާ. އަޅުގަނޑުދެން އެވާހަކަ ދައްކަވާ ބޭފުޅުންނަށްވެސް ހިތުގަ ބުރަކަމެއް ނެތް. އެއީ ދެން އެނޫން ވާހަކައެއް ނެތިއްޔޭ އިންގޭތޯ. ސިޔާސަތެއްވެސް ނެތީ. ބުނާނެ އެއްޗެއްވެސް ނެތީ. އެހެންމަ ދެން ކޮންމެވެސް ވާހަކައެއް ދައްކަނީ،" ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން އދ ގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމަށް ޝައުގުވެރިން ހުރިތޯ ޕްރޮގްރާމުގައި ސުވާލު ކުރުމުން ޝާހިދު ވިދާޅުވީ، މިހާރުގެ އުންމީދަކީ އެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވުން ކަމަށެވެ. މިހާރު މަގާމުގައި ހުންނެވީ ހުޅަނގު ޔޫރަޕްގެ ބޭފުޅެއް ކަމަށާއި، އެއަށްފަހު ދެން ފުރުސަތު އޮންނާނީ އެފްރިކާ ބައްރަށް ކަމަށާއި، އަދި އެއަށްފަހު އޭޝިއާއަށް ފުރުސަތު ލިބޭނެކަމަށެވެ.
ޝާހިދު ވިދާޅުވީ މިހާތަނަށް އދގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވަނީ ހުސް ފިރިހެން ބޭފުޅުންނަށް ކަމަށްވުމުން ދެން އެ މަގާމަށް އަންނަންވާނީ އަންހެން ބޭފުޅުންކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އަދި 20 އަހަރު ފަހުން އޭޝިއާ ސަރަހައްދަށް އެ ފުރުސަތު ލިބުނަސް އަންހެން ބޭފުޅަކު ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.