Last Updated: April 18, 22:36
Thursday, April 18, 2024
ކުޅިވަރު

ލަންކާ އަތުން އިންޑިއާ އަށް މޮޅެއް ނުވެވުނު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ސްރީލަންކާ އާއި އިންޑިއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މި މުބާރާތުގައި އިންޑިއާ އިން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ބައްދަލުކޮށް 1-1 އިން އިންޑިއާ ވަނީ އެއްވަރުވެފައެވެ. މިއީ ލަންކާ އިން މުބާރާތުގައި ކުޅުނު ތިންވަނަ މެެޗެވެ. އޭގެތެރެއިން ދެ މެޗުން ލަންކާ ވަނީ ބަލިވެފައެވެ. އެޓީމު ބަލިވީ ބަންގްލަދޭޝް އާއި ނޭޕާލް އަތުންނެވެ. މިއަދުގެ މެޗުން އެއްވަރުވުމުން ލަންކާ މިހާރު ވަނީ މުބާރާތުން ކަޓާފައެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އިންޑިއާ އިން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މާބޮޑު ނުރައްކަލެއް ލަންކާގެ ގޯލަށް ކުރެވިފައެއް ނުވެއެވެ. އެގޮތުން މި ހާފުގައި އިންޑިއާ އިން ބޮޑަށް ބެލީ އަރިމަތިން ހުރަސްތައް ޖަހައިގެން ފުރުސަތުތައް ތަނަވަސްކުރަން ނަމަވެސް އެ ހުރަސް ލަންކާގެ ކީޕަރު ސުޖަން ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި އިންޑިއާ އިން ވަނީ ލަންކާގެ ގޯލަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން އިންޑިއާގެ އުދަންތާ އާއި ކެޕްޓަން ސުނިލް ޗެތްރީ ފޮނުވާލި ހަމަލާތައް ދިފާއުކުރީ ލަންކާގެ ކީޕަރެވެ. މީގެއިތުރުން މެޗުގެ 89 ވަނަ މިނެޓްގައި އިންޑިއާގެ ސުބާޝިޝް އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

ލަންކާ އަށް މި މެޗުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައި ނުވި ނަމަވެސް އެޓީމުން ވަނީ މި މެޗުގައި ރަނގަޅު ޑިފެންސިވް ކުޅުމެއް ދައްކާފައެވެ.

މުބާރާތުގައި ލަންކާ ދެން ބައްދަލުކުރާނީ ރާއްޖެއާ އެވެ. އަދި އިންޑިއާ އިން ދެން ބައްދަލުކުރާނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ ނޭޕާލްއާ އެވެ.