އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ 2-0 އިން ބަންގްލަދޭޝްގެ މައްޗަށް ރާއްޖެ އިން ކުރި ހޯދައިފިއެވެ.
މިއީ މި މުބާރާތުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު ފުރަތަމަ މެޗުގައި ރާއްޖެ ވަނީ 1-0 އިން ނޭޕާލް އަތުން ބަލިވެފައެވެ. އަނެއްކޮޅުން މިއީ ބަންގްލަދޭޝް އިން މުބާރާތުގައި ކުޅުނު ތިންވަނަ މެޗެވެ. އެޓީމުގެ ފުރަތަމަ މެޗުގައި ސްރީލަންކާގެ މައްޗަށް 1-0 އިން ކުރި ހޯދިއިރު ދެވަނަ މެޗުގައި އިންޑިޔާއާ ބައްދަލުކޮށް ވަނީ 1-1 އިން އެއްވަރުކޮށްފައެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ރާއްޖެއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު ހާފްގެ ފަހު ވަގުތުކޮޅުތެރޭ ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން އަލީ ފާސިރު (ސެންޓޭ) ބަންގްލަދޭޝްގެ ޕެނަލްޓީއޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ބާރު ހަމަލާ ބަންގްލަދޭޝްގެ ކުޅުންތެރިއަކު ދިފާއުކުރިއިރު އަލީ އަޝްފާގް (ދަގަނޑޭ) ފޮނުވާލި ނުރައްކާތެރި ހިލޭޖެހުން ދިފާއުކުރީ ބަންގްލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން އެވެ.
ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 54 ވަނަ މިނެޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ރާއްޖެ އަށް ލީޑު ނަގާދީފައެވެ. ހަމްޕު މި ގޯލު ކާމިޔާބުކުރީ ބަންގްލަދޭޝްގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުރެ ފޮނުވާލި އޯވަހެޑަކުންނެވެ. މިއީ މި މުބާރާތުގައި ރާއްޖެއިން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
މި ގޯލަށްފަހު ވެސް ރާއްޖެއިން ދިޔައީ ބަންގްލަދޭޝްގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއަކަށްވީ މެޗުގެ 74 ވަނަ މިނެޓްގައި ރާއްޖެ އަށް ލިބުނު ޕެނަލްޓީއަކުން އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ރާއްޖޭގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނުމެވެ. ރާއްޖެ އަށް މި ޕެނަލްޓީ ލިބުނީ ހަސަން ނާއިޒު (ދާދު) އަށް ބަންގްލަދޭޝްގެ ކުޅުންތެރިއަކު ފަހަތުން ކުރި ފައުލަކާ ގުޅިގެންނެވެ.
ލީޑު ފުޅާކޮށްލަން ރާއްޖޭގެ ސެންޓޭ އަދި ހަމްޕު އަށް ރަނގަޅު ފުރުސަތުތައް ލިބުނު ނަމަވެސް އޭގެ ބޭނުން އެންމެ ރަނގަޅަށް ވަނީ ހިފޭގޮތް ނުވެފައެވެ. މި މެޗުގައި ބަންގްލަދޭޝް އަށް ރާއްޖޭގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ.
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ މުބާރާތުން މިހާރު ކަޓާފައިވާ ސްރީލަންކާއާ އެވެ. އަދި ބަންގްލަދޭޝް ނިކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ.