Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

އެމްޑީޕީ އަކީ ހުސް އަނގަ ތަޅާ ޕާޓީއެއް: ޖަމީލު

އެމްޑީޕީ އަކީ ހުސް އަނގަ ތަޅާ ޕާޓީއެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

މިއަދު "އަވަސް" ނޫހުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޖަމީލު ވިދާޅުވީ އެމްޑީޕީ އަކީ ހުސް އަނގަ ތަޅާ އަދި ކަމެއް ނުވާ ޕާޓީއެއްކަން ރައްޔިތުންނަށް މިހާރު ފަޅާއަރާފައިވާ ކަމަށާއި މިއީ އެ ޕާޓީ އަށް މިއަދު އޮތް ބޮޑު ޗެެލެންޖެއް ކަމަށެވެ.

"އެ ޗެލެންޖުން އެމްޑީޕީ އަރައިނުގަންނާނެ. ބައިވަރު ފޮނި ޝިޔާރުތައް ލިޔާނެ. ބާރަށް ބާރަށް ކުރިއަށް، ސާފު ތާހިރު ދިރިއުޅުން، އިންސާފު މަގު. އިންސާފުގެ މަގު އައިސް މި އުޅެނީ ހުދު ރައީސް ނަޝީދު ވެސް ބޭނުންފުޅު ނުވޭ ޖޭއެސްސީ ތެރެއިން ވެސް ދުރަށް ވަޑައިގަންނަވަން. އެތާކިހާ އަޅުއްވައިގެން ހިސާނު ވެސް އެ ހުންނަވަނީ" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ މިހާރު ކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އަށް ބަލާއިރު ވެސް ފަނޑިޔާރުގެ އަށް ނުފޫޒު ފޯރުވާ މިންވަރު ހާމަވާ ކަމަށެވެ. އެގޮތުން އިންސާފޭ ކިޔަން އެމްޑީޕީ އަށް މިއަދު ޖާގައެއް ނެތް ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.

މީގެއިތުރުން އެމްޑީޕީގެ ތެރޭގައި އަދި ސަރުކާރުގައި ވެސް އޮތީ ކޮރަޕްޝަން ކަމަށާއި އެމްޑީޕީން ބުނި "ތާހިރު ދިރިއުޅުން" އޮތީ ކޮންތާކުތޯ ވެސް ޖަމީލު ސުވާލުކުރެއްވިއެވެ. އަދި މި ސަރުކާރަށް ތިން އަހަރުވީއިރު ގާކޮޅެއް ވެސް ނުބޭއްވޭ ކަމަށާއި އަދި ކުރީ ސަރުކާރުގައި ނިންމާފައި ހުރި ކަންތައްތައް ވެސް ރައްޔިތުންނަށް ހަވާލުނުކުރެވުނު ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.

"އެމްޑީޕީ މަސައްކަތް ނުކުރެވޭ، ހުސް އަނގަ، ކަމެއް ނުވާ ފޮނިބައިސާ ކަނޑާ ޕާޓީއެއް. މި ގޮންޖެހުން އެމްޑީޕީން ދެން އިންތިހާބަކަށް ދާއިރު ކުރިމަތިލާން ޖެހޭނެ" ޖަމީލު ވިދާޅުވި އެވެ.