ވަކި މީހެއްގެ ވަށައިގެން އެނބުރޭ ސިޔާސަތު ދޫކޮށްލަންޖެހޭ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީ އުފެއްދުމަށް މިއަދު ބާއްވާ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން އުފެދުނު ސަރުކާރުތައް ނިމިގެން ގޮސްފައިވަނީ އެދެވޭ ބަދަލުތައް ނުފެނި ކަމަށާއި އެމްއެންޕީ އުފެއްދީ ދިވެހިން އެދޭ ކަންކަން ބަދަލުކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ.
އެގޮތުން މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ނިކުތް މައްސަލަތައް ދިރާސާކޮށް އެ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް އެމްއެންޕީން ކަންކަން ބައްޓަން ކުރާނެ ކަމަށާއި އަދި ރާއްޖޭގެ ހައްގުގައި ޑިމޮކްރެޓިކް އުސޫލުތައް ހިފަހައްޓާ އެންމެ ހަރުދަނާ ސިޔާސީ ޕާޓީއަކަށް އެމްއެންޕީ ވެގެންދާނެ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
"ވަކި މީހެއްގެ ވަށައިގެން އެނބުރޭ ސިޔާސަތު ދޫކޮށް، ހަރުދަނާ އުސޫލެއްގެ ތެރެއިން ޕާޓީ ހިންގާ، މާތްﷲ ގެ ވާގިފުޅާއެކު 2023 ހޯދައި ދިވެހިން އެދޭ ކަންކަން ފުރިހަމަ އަށް ހާސިލުކުރުން އަޅުގަނޑުމެންގެ އުއްމީދަކީ" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ގައުމީ ފިކުރުގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެ ކަންކަން ކުރެވޭނީ އަމިއްލަ ނަފްސަށް ވުރެ ގައުމު އިސްކޮށްގެން ކަމަށެވެ. އެގޮތުން މީގެކުރިން ގައުމުގެ ހައްގުގައި ފުރާނަ ދޫކޮށްލަން ހުވާ ކުރެއްވި ކަމަށާއި މިއަދުވެސް ހުންނެވީ އެގޮތުގައި ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
އެމްއެންޕީ އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅީ 5،000 މެމްބަރުންގެ ފޯމާއެކު ކަމަށްވާއިރު ނާޒިމް ވަނީ ނޮވެމްބަރު 15 ގެ ކުރިން ޕާޓީ އަށް 10،000 މެމްބަރުން ހަމަކުރުމަކީ އަމާޒެއް ކަމަށްވެސް ވިދާޅުވެފަ އެވެ.