Last Updated: April 19, 06:56
Friday, April 19, 2024
ދުނިޔެ

އަފްގާންގެ މިސްކިތަކަށް ބޮމުގެ ހަމަލާއެއް، 50 މަރު

އަފްގާނިސްތާނުގެ ކުންދޫޒް ސިޓީގައި ހުރި މިސްކިތަކަށް ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 50 މީހުން މަރުވެއްޖެ އެވެ.

ކުންދޫޒްގައި ހުންނަ ސައީދު އާބާދް މިސްކިތަކީ އެގައުމުގައި އުޅޭ ޝީއީ މުސްލިމުން ނަމާދުކުރުމަށް ގޮސް އުޅޭ މިސްކިތެކެވެ. މި ހަމަލާގައި 50 މީހުން މަރުވެފައިވާއިރު 100 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.

މި ހަމަލާދީފައިވަނީ ހުކުރު ނަމާދަށް މިސްކިތަށް މީހުން ޖަމާވެފައިވާ ވަގުތެއްގައެވެ. ރިޕޯޓުތައް ބުނާގޮތުން މި ހަމަލާދިންއިރު 300 އަށް ވުރެ ގިނަ މީހުން މިސްކިތަށް ޖަމާވެފައިވެއެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައި ނުވާއިރު އަފްގާނުގައި އުޅޭ ޝީއީ މުސްލިމުންނަށް އަމާޒުކޮށް މީގެކުރިން އަފްގާނުގައި ހަރަކާތްތެރިވާ އިސްލާމި ސްޓޭޓް ހޮރަސާން (އައިއެސް-ކޭ) އިން ވަނީ ހަމަލާތަކެއް ދީފައެވެ. އައިއެސް-ކޭ އަކީ އަފްގާނިސްތާނުގެ އައިއެސް ގްރޫޕަށް ހާއްސަ ނަމެވެ.

މިއީ އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބި ފަހުން އެގައުމުގައި ދެވުނު އެންމެ ނުރައްކާތެރި ހަމަލާއެވެ.