Last Updated: March 28, 19:01
Thursday, March 28, 2024
ކުޅިވަރު

ރާއްޖޭގައި އިންޑޯ ކުރިކެޓް އިފްތިތާހުކޮށްފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ ކުޅިވަރު އެކުވެނި އިންޑޯ ހޯލްގައި، ޕްލެޔަރސް ލައުންޖު ހުޅުވައިދެއްވައި 'ހިތާރޫޙުން ކުޅޭށެ ކުރިކެޓް' ލޯގޯ އަދި އިންޑޯ ކުރިކެޓް އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ޕްލެޔަރސް ލައުންޖު ހުޅުވައިދެއްވައި އެތަން ބައްލަވައިލައްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ނައިބު ރައީސް ފައިޞަލް ނަސީމާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްއާއި މިލާން ކުރިކެޓް އެކަޑަމީގެ ކޯފައުންޑަރ އަދި ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕްލެޔަރސް ލައުންޖަކީ ރާއްޖޭގެ އެންމެ ދުވަސްވީ ކުރިކެޓް އެކަޑަމީ ކަމުގައިވާ މިލާން ކުރިކެޓް އެކަޑަމީގެ ފަރާތުން 'ޖަލީލް މާލަމް' ގެ ނަމުގައި ތަރައްޤީކޮށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށް ހަދިޔާކުރި ލައުންޖެކެވެ.

މި ރަސްމިއްޔާތުގައި، ރާއްޖޭގައި އިންޑޯ ކުރިކެޓް އިފްތިތާޙްކުރުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗްގައި ރައީސް އާއި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ރައީސް ކުޅުއްވީ 'ޕްރެޒިޑެންޓް އިލެވަން' ޓީމަށެވެ. އަދި ނައިބު ރައީސް ކުޅުއްވީ 'ވައިސް ޕްރެޒިޑެންޓް އިލެވަން' ޓީމަށެވެ.

ރާއްޖޭގައި ކުޅުނު ފުރަތަމަ އިންޑޯ މެޗް ކާމިޔާކުރީ ނައިބު ރައީސްގެ ކެޕްޓަންކަމުގައި ކުޅުނު ޓީމުންނެވެ. އެ ޓީމުން 10 އޯވަރުގެ ތެރޭގައި 89 ލަނޑަ ހަދާފައިވާއިރު ރައީސްގެ ކެޕްޓަންކަމުގައި ކުޅުނު ޓީމުން 12 އޯވަރުގެ ތެރޭގައި ހެދުނީ 85 ލަނޑެވެ.

މި މެޗަށްފަހު ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ރައީސް އާއި ނައިބު ރައީސަށް ވަނީ 'ހިތާ ރޫހުން ކުޅޭށެ ކުރިކެޓް'ގެ ލޯގޯ ވެދުމަށް އަރުވާފައެވެ.