Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

އެންމެނަށް ދަނޑަށް ނުވަދެވުނަސް ޓީމާއެކު ތިއްބަވާ: ސުޒޭން

އަލީ ސުޒޭން - ފޮޓޯ: ރައީސް އޮފީސް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ބަލަން އެންމެންނަށް ދަނޑަށް ނުވަދެވުނަސް ގައުމީ ޓީމާއެކު ތިބުމަށް ޓީމުގެ ކޯޗު އަލީ ސުޒޭން ގޮވާލައިފިއެވެ.

ސުޒޭން މިހެން ބުނެފައިވަނީ މާދަމާގެ މެޗަށް ޓިކެޓް ވިއްކަން ފެށިތާ ދެގަޑިއިރެއްހާއިރުތެރޭ ޓިކެޓްތައް ހުސްވި މައްސަލައިގައި އާންމުން ހިތްހަމަނުޖެހި މިއަދު އިހުތިޖާޖުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މާދަމާގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސުޒޭން ބުނީ ޓީމަށް ސަޕޯޓު ކުރަން ދަނޑަށް ވަންނަން އެންމެން ވެސް ބޭނުންވާނެ ކަމަށާއި ނަމަވެސް ދަނޑުގެ ކެޕޭސިޓީއަކީ 5000 ކަމުން ދަނޑަށް ނުވަދެވުނަސް ކެތްތެރިކަމާއެކު ޓީމުގެ ފަހަތުގައި ތިބުމަށް އެދޭ ކަމަށެވެ.

"ކެތްތެރިކަމާއެކު ޓީމުގެ ފަހަތުގައި ތިއްބަވާ. ތި ބޭފުޅުން މާޔޫސްވާނެ ކަމެއް ޓީމުގެ ފަރާތުން އިރާދަކުރެވިއްޔާ ނާންނާނެ" ސުޒޭން ބުންޏެވެ.

މީގެއިތުރުން ސުޒޭން ވަނީ ގައުމީ ޓީމާ ދޭތެރޭ އުންމީދުކޮށް ޔަގީންކަން ބޭއްވުމަށް އެދޭ ކަމަށާއި ކުޅުންތެރިން ސަޕޯޓަރުން މާޔޫސްވިޔަ ނުދޭނެ ކަމަށްވެސް ބުނެފައެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޅުންތެރިންގެ އާއިލާ އާއި އެފްއޭއެމްގެ ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބުތަކަށް ވިއްކުމަށް ހަމަޖައްސާފައިވާ 2500 ޓިކެޓުގެ އިތުރުން ކުޅި ބެލުންތެރިންނަށް ވިއްކުމަށް ހަމަޖައްސާފައިވާ ހުރިހާ ޓިކެޓެއް މިހާރު ހުސްވެފައިވާ ކަމަށެވެ.

ނަމަވެސް ރާއްޖެ ކުޅޭ މެޗުގެ ކުޅިބަލަން ދަނޑަށް ވަނުމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެފްއޭއެމުން ނިންމާފައިވާކަމަށާއި، އެގޮތުން ސްޕޮންސަރުންނާއި ކުލަބުތަކަށް އަދި ކުޅުންތެރިންގެ އާއިލާތަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓްތަކުގެ ތެރެއިން އިތުރު 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކުމަށް މިހާރު ނިންމާފައިވާކަމަށެވެ.

އެފްއޭއެމްއިން ބުނެފައިވަނީ އިތުރަށް 1000 ޓިކެޓް ވިއްކަން ފަށާނީ މީހަކަށް ޓިކެޓެއްގެ މަގުން މިރޭ 20:00 ގައި ސޯޝަލް ސެންޓަރުގައި ކަމަށެވެ.