ގާނޫނާ ހިލާފަށް ރާއްޖޭގައި މިހާރު ތިބި އިންޑިއާގެ އަސްކަރީ ފަރާތްތަކާއި ވަސީލަތްތައް ދިވެހި ބިމުން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރު ސޮއިކުރި މައްސަލަ ހޫނުވެއްޖެއެވެ.
މި ޕެޓިޝަނުގައި ޒަމީރު ސޮއިކުރުމާ ގުޅިގެން އޭނާ ނިސްބަތްވާ އެމްޑީޕީގެ މައްޗަންގޮޅި މެދު ދާއިރާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕެޓިޝަނުގައި ޒަމީރު ސޮއިކުރުމަކީ އިދިކޮޅު ފަރާތްތަކަށް ވާގިވެރިވުމުގެ ގޮތުން އެމީހުން ހިންގާ ހަރަކާތްތަކަށް ބާރު ލިބޭ ގޮތަށް ކޮށްފައިވާ އަމަލެއް ކަމަށެވެ.
އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެ އެފަދަ ޕެޓިޝަނެއްގައި ސޮއިކުރުމަކީ ޕާޓީގެ އަސާސީ ގަވާއިދާ ދުރޫސުލް އަހުލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމަށާއި އެ އަމަލު ކުށްވެރި ކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އިދިކޮޅުން ހިންގާ ހަރަކާތަކީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ގުޅުން ހީނަރުކޮށް، ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ބައްޓަންކޮށްގެން ރޭވިގެން ހިންގާ ވިޔާނުދާ އަމަލެއް ކަމަށާއި އެފަދަ ހަރަކާތެއްގައި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ބައިވެރިވުން ބަލައިނުގަނެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން އެ ބަޔާނުގައި ވަނީ އެ ދާއިރާގެ އެމްޑީޕީގެ މެމްބަރުންގެ ނަމުގައި އެ ޕެޓިޝަނުގައި ޒަމީރު ކޮށްފައިވާ ސޮއި އަނބުރާ ނެގުމަށް ގޮވާލާފައެވެ.
މި ޕެޓިޝަނުގައި ބުނެފައިވަނީ މި ސަރުކާރުން އިންޑިއާ ސަރުކާރާއެކު ސިއްރު އަސްކަރީ އެއްބަސްވުންތައް ގާއިމުކޮށް، އިންޑިއާގެ އަސްކަރީ ބޭނުންތަކަށް ރާއްޖޭގެ ސަރަހައްދު ބޭނުން ކުރުމުގެ ފުރުސަތު ދީފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި ގައުމުގެ މިނިވަންކަމަށް ބުރޫ އަރާފައިވާ ކަމަށްވެސް އެ ޕެޓިޝަނުގައި ބުނެފައިވެއެވެ.
"ރާއްޖޭގައި ގާނޫނާ ހިލާފަށް ރާއްޖޭގައި މިހާރު ތިބި އިންޑިއާގެ އެންމެހާ އަސްކަރީ ފަރާތްތަކާއި ވަސީލަތްތައް ދިވެހި ބިމުން ބޭލުމަށް އިންޑިއާގެ ސަރުކާރުގައި އެދެމެވެ" އެ ޕެޓިޝަނުގައި ވެއެވެ.