Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ނަޝީދު ނުރުހޭތީ ކަމަށްބުނެ ޒަމީރު ކުރި ސޮއި އަނބުރާ ގެންގޮސްފި

އަހުމަދު ޒަމީރު - ފޮޓޯ: މިހާރު

އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް އިންޑިޔާ ސަރުކާރަށް ގޮވާލާ ޕެޓިޝަނުގައި މާލޭ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރު ކުރެއްވި ސޮއި އަނބުރާ ގެންދަވައިފި އެވެ.

ސަރުކާރާ އިދިކޮޅު ފަރާތްކުން އިސްވެ އޮވެ ސޮއިކުރަމުންދާ މި ޕެޓިޝަނުގައި ޒަމީރު ސޮއި ކުރުމުން އޭނާ ނިސްބަތްވާ ދާއިރާގެ އެމްޑީޕީގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސޮއި އަނބުރާ ގެންދެވިކަން އިއުލާން ކުރައްވާ ކުރެއްވި ޓުވީޓްގައި ސޮއި އަނބުރާ ގެންދެވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު، ރައީސް މުހައްމަދު ނަޝީދު އެކަމާ ނުރުހުމެވެ. އަދި އޭނާ އެ ޕެޓިޝަނުގައި ސޮއިކުރެއްވި ސަބަބު ވެސް ހާމަ ކުރައްވާފައިވެ އެވެ.

" "އިންޑިއާ އައުޓް' ނަމުގައިހިންގި ޕެޓިޝަންގައި ފާޅުކޮއްފައިހުރި ކަންބޮޑުވުންތަކާއިމެދު އާންމުކޮށް ވާހަކަދެކެވި އެކަންތައްތައް ހަގީގަތުގައި އޮތްގޮތް ރައްޔިތުއްނަށް ސާފުވުމަކީ މުހިންމުކަމެއްކަމަށް ދެކޭތީ، އިންޑިއާ އަބަދުވެސް ދިވެހިރާއްޖޭގެ އެންމެގާތް އަވަށްޓެރިޔާ، ޕެޓިޝަންގެ ޒަރީއާއިން ހާސިލްކުރުމަށް އަޅުގަނޑު އުންމީދުކުރި ނަތީޖާއަކީ ބައެއްރައްޔިތުންގެ ހިތްތަކުގައިއޮތް ނުތަނަވަސްކަމަށް ޖަވާބުހޯދައި، ކިލަނބުކަންފިލުވާލުން. އެހެންނަމަވެސް އެޕެޓިޝަންގައި އަޅުގަނޑު ސޮއިކުރިކުރުމަކީ އަޅުގަނޑުގެ ދާއިރާގެ އެމްޑީ (އެމްޑީޕީ ގެ ރައީސް) ރައީސް ނަޝީދު ނުރުހޭ ކަމަކަށްވާތީ އެޕެޓިޝަންގައި އަޅުގަނޑުސޮއިކުރިކުރުން އަބުރާ ގެނެސްފި ވާހަކަދައްނަވަމެވެ."

އިދިކޮޅު ޕީއެންސީ އާއި ޕީޕީއެމް އިން މިނިކަމުގެ ދިފާއުގައި ނަމުގައި ފަށާފައިވާ މަސައްކަތުގެ ތެރެއިން ތައްޔާރުކުރާ މި ޕެޓިޝަނުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުން އިންޑިޔާގެ ސަރުކާރާއެކު ސިއްރު ޢަސްކަރީ
އެއްބަސްވުންތަކެއް ޤާއިމްކޮށް، އިންޑިޔާގެ ޢަސްކަރީ ބޭނުންތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދު ބޭނުންކުރުމުގެ
ފުރުޞަތު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ދީފައިވާ ކަމަށް ބުނެފައިވެ އެވެ.

" މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ
ބާރުވެރިކަން ގެއްލި ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި، ދިވެހި
ޤައުމުގެ މިނިވަންކަމަށް ބުރޫ އަރާފައިވާތީ، ދިވެހިރާއްޖޭގައި ޤާނޫނާއި ޚިލާފަށް މިހާރުތިބި އިންޑިޔާގެ އެންމެހާ އަސްކަރީ ފަރާތްތަކާއި ވަސީލަތްތައް ދިވެހިބިމުން ބޭލުމަށް އިންޑިޔާގެ ސަރުކާރުގައި އެދެމެވެ."

މި ޕެޓިޝަނުގައި ޒަމީރު ސޮއިކުރެއްވުން އެމްޑީޕީ މައްޗަށްގޮޅި މެދު ދާއިރާއިން ނެރުނު ބަޔާނެއްގައި އެ ޕެޓިޝަނުގައި ޒަމީރު ސޮއިކުރުމަކީ އިދިކޮޅު ފަރާތްތަކަށް ވާގިވެރިވުމުގެ ގޮތުން އެމީހުން ހިންގާ ހަރަކާތްތަކަށް ބާރު ލިބޭ ގޮތަށް ކޮށްފައިވާ އަމަލެއް ކަމަށް ބުނެފައިވެ އެވެ.

އަދި އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެ އެފަދަ ޕެޓިޝަނެއްގައި ސޮއިކުރުމަކީ ޕާޓީގެ އަސާސީ ގަވާއިދާ ދުރޫސުލް އަހުލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމަށާއި އެ އަމަލު ކުށްވެރި ކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އިދިކޮޅުން ހިންގާ ހަރަކާތަކީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ގުޅުން ހީނަރުކޮށް، ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ބައްޓަންކޮށްގެން ރޭވިގެން ހިންގާ ވިޔާނުދާ އަމަލެއް ކަމަށާއި އެފަދަ ހަރަކާތެއްގައި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ބައިވެރިވުން ބަލައިނުގަނެވޭނެ ކަމަށް ބުނެފައިވެއެވެ. އެހެންވެ އެ ދާއިރާގެ އެމްޑީޕީގެ މެމްބަރުންގެ ނަމުގައި އެ ޕެޓިޝަނުގައި ޒަމީރު ކޮށްފައިވާ ސޮއި އަނބުރާ ނެގުމަށް ގޮވާލާފައެވެ.