Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އަހްސަންގެ ވާރިސުން ބޭނުންވަނީ ގާތިލުންނަށް މަރުގެ އަދަބު ދޭން

އަހުސަން ބަޝީރު:

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ސ. ހިތަދޫ ވަރުދީގޭ އަހްސަން ބަޝީރު ވާރިސުން ބޭނުންވަނީ އަހްސަންގެ ގާތިލް މަރަން ކަމަށް ދައުލަތުން މިއަދު ހައިކޯޓުގައި ބުނެފި އެވެ.

މީގެ 10 އަހަރު ކުރިން މަޖީދީ މަގާއި އަލިކިލެގެފާނު މަގު ގުޅޭ ހިސާބުގައި ތޫނު އެއްޗަކުން ހަމަލާދީ އަހްސަން ބަޝީރު މަރާލުމާއި ގުޅިގެން ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް އާއި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށް މިދިޔަ ހަފްތާގައި ވަނީ ހައިކޯޓުން ހުކުމްކޮށްފަ އެވެ. މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް ހައިކޯޓުން ހުކުމް ކޮށްފައިވަނީ މީގެ ތެރެއިން ޝިމާޒްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް އަދި ޝަހްމްގެ މައްޗަށް މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވާ ކަމަށެވެ. އެެހެން ކަމުން މަރަށް މަރު ހިފޭނީ ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވި ޝިމާޒްގެ މައްޗަށެވެ. އެހެން ނަމަވެސް މަރުގެ އަދަބު ދެވޭނީ ކޯޓުގެ ހުރިހާ މަރުހަލާއެއް ނިމުމަށްފަހު އެވެ. މަރުގެ އަދަބު ތަންފީޒު ނުކުރާ ނަމަ އެ އަދަބު އުމުރަށް ޖަލަށް ވެސް ކަނޑައެޅިދާނެ އެވެ.

އަހްސަންގެ މަރާ ގުޅިގެން ކުށް ސާބިތުވެފައިވާ ޝަހްމް އާއި ޝިފާޒް

އަހްސަން މެރުމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވުމާ ގުޅިގެން އޭނާގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަންތޯ ޝަރީއަތުން ސާފުކުރުމަށް ނިންމުމަށްފަހު މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އެކަން ސާފުކޮށްދީފަ އެވެ. އެގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ އަހްސަންގެ ހުރިހާ ވާރިސުންވެސް ބޭނުންވަނީ މަރަށް މަރު ކަމަށެވެ.

ޝަހްމްގެ މައްޗަށް އެ ކުށުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައިވާތީ ދައުލަތުން އެދުނީ އަދަބެއް ގޮތުން 17 އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ކަނޑައަލާ ދޭށެވެ. ދެހާސް ދިހަ ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މާޒިޔާ ދަނޑުގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރާލި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ޝަހުމް މައްޗަށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އޭނާ ދަނީ ތަންފީޒު ކުރަމުންނެވެ.

2011ވަނަ އަހަރުގެ މާޗް މަހުގެ 17ވަނަ ދުވަހުގެ މެންދަމު 3:20ގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ޝަހްމް އާއި ޝމާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހުއެވެ.