Last Updated: April 23, 21:11
Tuesday, April 23, 2024
ކުޅިވަރު

ޗެތްރީގެ ގޯލުން އިންޑިއާ އަށް މުހިއްމު މޮޅެއް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ނޭޕާލްގެ މައްޗަށް 1-0 އިން އިންޑިއާ އިން ކުރި ހޯދައިފިއެވެ.

ފަސް ގައުމު ވާދަކުރާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ލީގު އުސޫލުންނެވެ. ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެކެވެ. މި މޮޅާއެކު އިންޑިއާ އަށް މިހާރު ވަނީ ފަސް ޕޮއިންޓު ލިބިފައެވެ. ނޭޕާލް އަދި ރާއްޖެ އަށް ހަ ޕޮއިންޓު ލިބިފައިވާއިރު ބަންގްލަދޭޝް އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެއް ޕޮއިންޓު ލިބިފައިވާ ސްރީލަންކާ މިހާރު ވަނީ މުބާރާތުން ކަޓާފައެވެ.

ލީގު ބުރުގެ ފަހު މެޗުގައި އިންޑިއާ ނިކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. އަދި ނޭޕާލް ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ. އެ މެޗުތައް އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އާއި ނޭޕާލަށް މުބާރާތުގެ ފައިނަލަށް ދަތުރުކުރެވޭނެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީ އަށް ވަނީ ލީޑު ނަގަން ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. އޭގެތެރެއިން އެއް ފުރުސަތު ޗެތްރީ އަށް ލިބުނީ މުޅިން ހުސް ގޯލަކަށް ފޮނުވާލަން ކަމަށްވާއިރު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

ދެވަނަ ހާފްގައި ވެސް އިންޑިއާ އިން ދިޔައީ ނޭޕާލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ފޯވަޑް މަންވީރު ސިންހާއި ޑިފެންޑަރު ސުބާސިޝް ބޯސް ފޮނުވާލި ހަމަލާތައް ދިފާއުކުރީ ނޭޕާލްގެ ކީޕަރު ކިރަން އެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނެޓްގައި ޗެތްރީ ވަނީ އިންޑިއާ އަށް ލީޑު ނަގާދީފައެވެ. ޗެތްރީ މި ގޯލު ކާމިޔާބުކުރީ ނޭޕާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

އިންޑިއާގެ މި ގޯލާއެކު ނޭޕާލުން ކުރިއަށް ޖެހިލައިގެން ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރި ނަމަވެސް އެޓީމަށް ވަނީ ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.