Last Updated: July 10, 10:56
Thursday, July 10, 2025
ކުޅިވަރު

ދިވެހި ސަޕޯޓަރުންގެ ފޯރި ފެނިފައި އަޖައިބުވި: ނަމަލް

ލަންކާގެ ޔޫތް މިނިސްޓަރު ނަމަލް ރާޖަޕަކްސަ - ފޮޓޯ: ރައީސް އޮފީސް

ދިވެހި ސަޕޯޓަރުންގެ ފޯރި ފެނިފައި އަޖައިބުވެވަޑަައިގެންނެވި ކަމަށް ލަންކާގެ ޔޫތު މިނިސްޓަރު އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމަލް ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރިއިރު އެ މެޗު ބައްލަވާލެއްވުމަށް ނަމާލު ވަނީ އިއްޔެ ރާއްޖެއަށް ވަޑައިގެންފައެވެ. އެ މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ރާއްޖެ އިންނެވެ.

ނަމަލް ދިވެހި ބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާ އާއި ރާއްޖެއާ ދެމެދު އިއްޔެ ކުޅެވުނީ މޮޅު މެޗެއް ކަމަށާއި ކުޅިބަލަންދިޔަ މީހުން ގިނަކަމުންނާއި ދިވެހި ޓީމުގެ ސަޕޯޓަރުންގެ ފޯރި ފެނިފައި އަޖާއިބުވި ކަމަށެވެ.

"ކުޅިބަލަންދިޔަ ސްރީލަންކާގެ ސަޕޯޓަރުންނަށް ޚާއްޞަ ޝުކުރެއް. ފެނުނީ ފޯރިގަދަ މާހައުލެއް" ނަމަލް ވިދާޅުވި އެވެ.

ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ނަމަލް އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވެސް ބައްދަލުކުރައްވާފައެވެ. އަދި އިއްޔެގެ މެޗުގެ ހާފްޓައިމްގައި ނަމަލް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ވެސް ބައްދަލުކުރައްވާފައެވެ.

އިއްޔެގެ މެޗުން ލިބުނު މޮޅާއެކު ރާއްޖެ އަށް މިހާރު ވަނީ ތިން މެޗުން ހަ ޕޮއިންޓު ލިބިފައެވެ. ލީގު އުސޫލުން ކުޅޭ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ. ލީގު ބުރުގެ ފަހު މެޗުގައި ބުދަ ދުވަހު ރާއްޖެ ނިކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗު އެއްވަރުކޮށްލައިން ވެސް ރާއްޖެ އަށް ފައިނަލަށް ދެވޭނެއެވެ.

އިއްޔެގެ މެޗަކީ މި މުބާރާތުގައި ލަންކާ ކުޅުނު ފަހު މެޗެވެ. ލަންކާ އިން މުބާރާތް ނިންމާލީ އެއް ޕޮއިންޓާއެކު އެވެ.