Last Updated: October 21, 22:25
Thursday, October 21, 2021
ޚަބަރު

އަޅުގަނޑުގެ ޖިންސީ ގުނަވަން މަޖިލީހުގެ އެއްވެސް ފިރިހެނަކަށް ފެނިފަ ނޯންނާނެ: ނާޒިލް

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް - ފޮޓޯ: މަޖިލިސް

ޖިންސީ ގުނަވަން މަޖިލީހުގެ އެއްވެސް ފިރިހެނަކަށް ފެނިފައި ނުވާނެކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ މިދިޔަ ހަފްތާ ނިމުނުއިރު އޭނާއާ ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވުނު ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުގެ ޖިންސީ ގުނަވަނެއް މި އިއްޒަތްތެރި މަޖިލީހުގައި މިތިބަ މެމްބަރުންގެ ތެރޭގައި އެންމެ ފިރިހެނަކަށްވެސް ފެނިފަ ނޯންނާނެކަން، އަޅުގަނޑު ދިވެހި އެންމެހާ ރައްޔިތުންނަށް އަދި ވަކިން ހާއްސަކޮށް ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނަށް ޔަގީންކަން އަރުވަން." ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިލް ވިދާޅުވީ އޭގެ ޖެހިގެން އައިދުވަހު ހެނދުނު އޭނާގެ އަވައްޓެރި ގެއެއްގަ ރޯކޮށްލި ވާހަކައަކީވެސް "ފަލަ ސުރުހީ"އެއް ކަމަށާއި، އޭނާއަކީ ދުވަހަކުވެސް މީހެއްގެ މުދަލަށް ގެއްލުންދީ މީހުން މެރުމަށް ގޭންގް ހަދައިގެން އުޅޭ މީހެއް ނޫންކަމަށެވެ.

ނާޒިމް މިފަދައިން ބުނެފައިވަނީ މިވަނީ ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަށް ޖިންސީ ފުރައްސާކުރި ކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވަނިކޮށެވެ. މި މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ ސެކްރެޓޭރިއަޓަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސަައިން ޝަމީމް (އަނދުން ހުސައިން) އެވެ.

އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިދާރާގެ ތެރޭގައި ނާޒިލް ވަނީ އަސްލަމްގެ ފަހަތުން އަޑުގަދަ ކުރަމުން އައިސް ޖިންސީ ފުރައްސާރައަކަށްވާ އަމަލެއް ކުރައްވައި "މި ވީޑިއޯ ކޮށްބަލާށޭ" ކިޔައި ވަރަށް ހުތުރުކޮށް އަސްލަމް އާއި ވާހަކަދައްކާފައެވެ. މިކަން ހިނގާފައިވަނީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއްގެ ކުރިމަތީގައި ކަމަށްވާއިރު ނާޒިލްގެ އަމަލުތައް ހުރީ ވަރަށް ހުތުރު ގޮތަކަށް ކަމަށް ބައެއް މެމްބަރުން ވަނީ މައުލޫމާތު ދެއްވާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނާޒިލްގެ ރުޅިވެރިކަން އަސްލަމަށް އަމާޒުކޮށްފައިވަނީ ދާދިފަހުން ނިމިގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ގުނަން ނާޒިލް ހުންނެވި ވީޑިއޯއެއް ވީޑިއޯއެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އަސްލަމް ފޮނުއްވުމުންނެވެ. ނާޒިލް ވަނީ އެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާފައެވެ. އެ އިންތިހާބުގައި ނާޒިލްއާ ވާދަކޮށް ހިތަދޫ ދެކުނު ދާއިރާގެ ރައީސްކަން ކާމިޔާބު ކުރެއްވީ އައްޑޫގެ މޭޔަރު އަލީ ނިޒާރުގެ ކޮއްކޮ އަންސަރު މޫސާ އެވެ.