ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެއްނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއާޕޯޓަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ބޮމުގެ ހަމަލާއަށްފަހު ފަރުވާއަށް ބޭރުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު އެނބުރި ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ރައީސް ސޯލިހް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެ ދެބޭފުޅުންގެ މެދުގައި ސިޔާސީ އެކި ކަންކަމުގައި ނުތަނަވަސްކަން އުފެދިފައިވެއެވެ. އަދި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންކަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްވެސް ފާހަގަކުރަައްވާފައިވެއެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެމެދު އެންމެބޮޑަށް މައްސަލައޮތްކަމަށް ފެންނަނީ ވެރިކަމުގެ ނިޒާމުގެ މައްސަލައިގައާއި ހަރުކަށި ފިކުރުގެ މައްސަލައިގައެވެ. އަދި ބައެއްކަންކަމުގައި ޕާޓީގެ ސިޔާސަތު ތަންފީޒުކުރުމުގައި ލަސްވާކަން ރައީސް ނަޝީދު ފާހަގަކުރައްވައެވެ. އަދި ސިޔާސީ ގޮތުން ރައީސް ސޯލިހާ އެކު މަސައްކަތްނުކުރެވޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.