Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

މާލޭގެ 16 މަގެއްގައި ތާރު އަޅަނީ

މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސް އަލުން ސޮއިކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލޭގެ މަގުތައް ތަރައްގީކުރުމަށް ޓަކައި"މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ނަމުގައި އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއުގެ އެއްބަސްވުމަށް ބަދަލު ގެނެސް 16 މަގެއްގައި ތާޅު އެޅުމަށް ނިންމައިފި އެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި ކުރީގެ މާލޭ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ދެމެދު ވެފައިވާ އެއްބަސްވުމަށް ގެނެސްފައިވާ މި ބަދަލާއެކު އާ އެއްބަސްވުމުގައި ސޮއިކުރީ ހޮޓެލްގެ ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މި އެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އާރްޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އެވެ.

އާ އެއްބަސްވުމުގެ ދަށުން މާލޭގެ މަގުތައް ހެދިގެންދާއިރު ތާރުއަޅާ މަގުތަކުގެ ތެރޭގައި އަމީނީ މަގާއި ފަރީދީ މަގާއި ބުރުޒު މަގާއި ބޮޑު ތަކުރުފާނު މަގުގައި ހިމެނެ އެވެ. މީގެ އިތުރުން ބައެއް މަގުތަކުގައި އަލުން ގާ އަތުރައިގެން މަގުތއް ހަދާނެ އެވެ. އަދި ކުރިން މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވާ މުއްދަތު އަވަސްކުރުމަށްވެސް ކަނޑައަޅާފައިވެ އެވެ. މިއަދުގެ މި އެއްބަސްވުމުގެ ދަށުން ދެ އަހަރު ތެރޭގައި މަސައްކަތް ނިންމަންޖެހެ އެވެ.