Last Updated: April 19, 10:32
Friday, April 19, 2024
ރިޕޯޓް

އައްޑޫގައި ކާފިއު ހިިންގުން، ހާލަތާ ނުބައްދަލު ބޮޑު ބޭއިންސާފެއްތަަ؟!

އައްޑޫ ސިޓީ ހިތަދޫ | ފޮޓޯ: އަލީ އިބްރާހިމް

މިއީ ފިޔަވަޅެއް ނޫން، މިއީ ކޮށްފައި އޮތް ޖެއްސުމެއް، މިއީ ޖައްސާފައި އޮތް ބޮޑު އުނދަގުލެއް ،" މިއީ އައްޑޫ ސިޓީގައި މިހާރު އިއުލާންކޮށްފައި އޮތް ކާފިއުއާ ގުޅޭ ގޮތުން މީހުން ދެކޭ ގޮތެވެ. ހާއްސަކޮށް އައްޑޫ ސިޓީގައި ވަކި ފަސްގަނޑަކަށް އޮންނަ ހުޅުދޫ އާއި މީދޫގެ މީހުންގެ ތިބީ އެކަމާ ވަކިން ބޮޑަށް "ރުޅިއައިސް ރަތްވެފައި" އެވެ.

ކޮވިޑް19 އިން ރާއްކާތެރިވުމަށް އަޅާ ފިޔަވަޅެއް ގޮތުން ހުއްދަ ހޯދައިގެން މެނުވީ އެއް ރަށަކުން އަނެއް ރަށަށް ނުދެވޭ ގޮތައް އޮތުމާމެދު ގިނަ މީހުންގެ މާބޮޑު މައްސަލައެއް ނެތެވެ. ނަމަވެސް މޮނިޓަރިންގެ ހާލަތުގައި ބާއްވައިގެން އަދި ކާފިއުވެސް އިއުލާންކޮށް ވަކި ވަގުތުތަކެއްގައި ބޭރަށް ނިކުމެ އުޅުމާއި ފިހާރަ، ކެފޭތައް ހުޅުވާފައި ބެހެއްޓުމަކީ އާއްމުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވާ އެއްް ސަބަބެވެ. ރަށު ތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތި ރަށު ތެރޭގައި ކާފިއު ހިންގާއިރު ފުރަ މާލޭގެ މަންޒަރުތައް އެންމެނަށް ކޮންމެ ދުވަހަކު ގަލޮޅު ދަނޑުން ފެންނާތީ ވަކިން އަދި ރުޅިވެރިކަން އިތުރުވެ އެވެ.

ކާފިއު ހިންގުމާއި މޮނިޓަރިންގައި ބޭއްވުމަށް އެއްވެސް ހަމައެއް ލަމައެއް ނުގެންގުޅޭ؟

އައްޑޫގައި ދިރިއުޅޭ ބައެއް މީހުން ބުނާ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އައްޑޫ މޮނިޓަރިންނަށް ލާ ކާފިއު ހިންގަންނީ ވަކި އުސޫލެއްގެ ދަށުން ކަމަށް އެމީހުނަކަށް ގަބޫލެއް ނުކުރެވެ އެވެ. ސަބަބަކީ ކޮވިޑް ކޭސްތައް ފެންނަމުންދާ ރަށްތައް ވެސް މޮނިޓަރިންނަށް ނުލާ އޮންނަ އޮތުމެވެ. އަދި ހާއްސަކޮން ވެކްސިން ދެ ޑޯޒް ގިނަ ބަޔަކު ފުރިހަމަކޮށްފައިވާއިރު މިހާރު ކޮވިޑްުގެ އެންމެ ކުރީ ކޮޅެކޭ އެއްގޮތައް ފިޔަވަޅުތައް ހަރުކަށިވާން ޖެހޭ ސަބަބެއް އޮތް ކަމަކަށް މީހުން ނުދެކެ އެވެ. ހަމަ އެކަނި އާއްމުނެއް ވެސް ނޫނެވެ. ކައުންސިލަރުންނާއި ހެލްތް ސެންޓަރުތަކުގެ ވެރިންވެސް އެގޮތައް ނުދެކެ އެވެ.

"މިހާރު މިއީ ރަށުގައި ކާފިއު ހިންގަން ޖެހޭ ވަގުތެއް ނޫން. އެފަދަ ހާލަތެއް ނޫން އަދި މި އޮތީ. މި ވަގުތު ހުޅުދޫ އާއި މީދޫގައި އެއްްކޮންވެސް ތިބީ ދެ މީހަކު ކޮވިޑުން ރަނގަޅުނުވެ. އެހެންވީމަ މިއީ ކޮމިއުނިޓީ ސުޕްރެޑެއް އޮތް ހާލަތެއްވެސް ނޫން،" ހުޅުމީދޫ ހެލްތް ސެންޓަރުގެ އެންމެ އިސް ފަރާތް، އިބްރާހިމް ދީދީ ވިދާޅުވި އެވެ.

ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އައްޑޫ ހުޅުދޫ އާއި މީދޫގައި ރޭގަނޑު 9.00 ފެށިގެން ފަތިހް 4.00އަށް ކާފިއު ހިންގަމުންދެ އެވެ. މި ވަގުތުތަކުގައި އާއްމުން ބޭރަށް ނިކުމެ އުޅުން މަނާ ކަމަށާއި ޒަރޫރީ ބޭނުންތަކަށް ބޭރަށް ދެވޭނީ ހުއްދަ ނަގައިގެން ކަމަށް ވަނީ ކަނޑައަޅާފައި އެވެ. އަދި ކެފޭ، ހޮޓާ އަދި ފިހާރަތައްހުޅުވައިގެން ހިދުމަތް ދެވޭނީ ރޭފަނޑު 9.00 އާ ހަމައަށް ކަމަށް ވަނީ ކަނޑައަޅާފައި އެވެ. މީގެ ސަބަބުން ވިޔަފާރީތަކަށް އޭގެ ބޮޑު ގެއްލުމެއް ވަމުންދެ އެވެ.

"މިތާ މިހާރު ކޮވިޑް އޮތީއެއްނޫން، އެކަމު އެބަ ޖެހޭ ރޭގަނޑު ނުވައެއް ޖަހާއިރު ފިހާރަ ބަންދުކުރަން. އަދި ދިހައެއް ޖަހަންދެން މި ޑެލިވަރީ ކޮށްދެނީވެސް. މިއީ އަސްލު ވަރަށް އިންސާފު ކުޑަކޮން ކޮށްފައި އޮންނަ ކަމެއް،" އައްޑޫ ވިޔަފާރިވެރިއަކުން ބުންޏެވެ.

އައްޑޫގެ މިހާރުގެ ހާލަތު

އައްޑޫގައި ހަމަ އެކަނި ކޮވިޑް ކޭސްތައް ފެންނަމުންދަނީ އައްޑޫ ސިޓީގެ ހިތަދޫއިންނެވެ. އަދި މިއިން އެއްްވެސް ތަނަކުން ރެންޑަމް ސާމްޕަލްތަކެއް ނަގައިގެން ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަކަށް ފާހަގަ ކުރެވިފައިއެއްނުވެ އެވެ. މީގެ ތެރެއިވެސް އައްޑޫގެ ބައެއް އަވަށްތަކުން އެއްވެސް ކޭހެއް ނުފެނިވެސް ގިނަ ދުވަސްތަކެއް ވަނީ ވެފައި އެވެ.

އައްޑޫ ސިޓީ ހުޅުދޫ ބޮޑު މަގު:

އެހެން ކަމުން ވަކިން އޮންނަ ހުޅުދޫ އާއި މީދޫއަށް ކޮވިޑްގެ އެއްވެސް ކޭހެއް ނުފެނި ގިނަ ދުވަސްތަކެއް ވެފައިވާ އަވަށްތަކަށް އަޅާފައި މިވާ ފިޔަވަޅުތަކަކީ "ހާލަތާ ނުބައްދަލު އަނިޔާއެއް" ކަމަށް ބައެއް މީހުން ދެކެ އެވެ. އަދި އައްޑޫގައި ހިންގާ ކާފިއުގެ ސަބަބުން ނާއި އަޅާފައިވާ ފިޔަވަޅުތަކަކީ އިންސާފުން ބޭރުވެފައިވާ ފިޔަވަޅުތަކަކެއް ކަމަށް އައްޑޫގެ އެކީ މީސް މީހުން ދަނީ ބުނަމުންނެވެ.

ކައުންސިލުގެ ވެސް ކަންބޮޑުވުން

ކޮވިޑާ ގުޅިގެން އަޅާފައިމިވާ ފިޔަވަޅުތަކާމެދު ރައްޔިތުންނެކޭ އެއްގޮތައް ބައެއް ކައުންސިލަރުންގެވެސް ކަންބޮޑުވުންތައް އެބަ ހުއްޓެވެ. އެގޮތުން ހުޅުދޫ ދާއިރާގެ ކައުންސިލަރު ފައިއްޒުއްރަހްމާންް ދާދި ފަހުން ވަނީ މޮނިޓަރިންގައި އައްޑޫ އޮތުމުން ކައުންސިލުން އިންތިޒާމްކޮށްގެން ރައްޔިތުންއެއްކޮށްގެން ހިންގާ ހަރަކާތެއްގައި ބައިވެރިނުވާން ނިންމާފަ އެެވެ. އަދިއެހެންމެ
އައްޑޫގެ ކައުންސިލަރުންވެސް އެތައް ފަހަރަކު ކާފިއު އުވާލަން ވެސް ވަނީ އެދިފަ އެވެ.


ރައްޔިތުންނާއި ކައުންސިލަރުންގެ ކަންބޮޑުވުންތަކާއެކު އައްޑޫގެ މޭޔަރ އަލީ ނިޒާރު ވެސް ވަނީ މި ކާފިއު އުވާލަން ވެސް އެދިވަޑައިގެންފަ އެވެ. އެހެން ކަމުން މިހާރު އައްޑޫގައި ހިންގާ ކާފިއުއަކީ ރައްޔިތުންނާއި ވެރިންގެ ވެސް ކަންބޮޑުވުން ހުރި އެއްޗެކެވެ. ސަބަބަކީ މިކަމުގައި އިންސާފެއް ނެތުމެވެ.