4-0 އިން ނޯތު މެސެޑޯނިއާގެ މައްޗަށް ކުރި ހޯދައި އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކަށް ޖަރުމަނު ވެއްޖެ އެވެ.
ކޮލިފައިންގައި ޖަރުމަނަށް ބާކީ ދެ މެޗު ކުރިއަށް އޮއްވައި އެޓީމު މުބާރާތަށް ކޮލިފައިވިއިރު އެ ޓީމު އޮތީ ގްރޫޕް ޖޭގެ އެއްވަނައިގައި 21 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 13 ޕޮއިންޓާ އެކު އޮތޯ ރޮމޭނިޔާ އެވެ.
ނޯތް މެސެޑޯނިއާގައި ރޭ ކުޅުނު މެޗުގައި ޖަރުމަނުން ކާމިޔާބުކުރި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ޓިމޯ ވާނާ އެވެ. އަނެއް ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ހައި ހަވެޓްޒް އާއި ޖަމާލް މުސިއާލާ އެވެ.
މިއީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަނުން މި މުބާރާތަށް ކޮލިފައިވަނީ 20 ވަނަ ފަހަރެވެ. ވޯލްޑް ކަޕަށް މިހާތަނަށް އެންމެ ގިނައިން ކޮލިފައިވެފައިވަނީ ބްރެޒިލް އެވެ. އެއީ 21 ފަހަރެވެ.
ވޯލްޑް ކަޕަކީ އާންމުކޮށް އަހަރުގެ މެދުތެރޭގައި ބާއްވާ މުބާރާތެއް ނަމަވެސް އަންނަ އަހަރުގެ ވޯލްޑް ކަޕް އޮންނާނީ އަހަރުގެ ފަހުކޮޅުއެވެ. ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ފަށާނީ ނޮވެމްބަރު 21 ގައެވެ.