Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

މިލިއަނެއްހާ އަފްޣާން ކުދިން މަރުވުމުގެ ބިރު އެބައޮތް!

ފޮޓޯ: އޭއެފްޕީ

ވަގުތުން ވަގުތަށް ފިޔަވަޅު ނާޅައިފިނަމަ ބަނޑުހައިހޫނުކަމުގައި މިލިއަނަކަށްވުރެ ގިނަ ކުޑަކުދިން އަފްޣާނިސްތާނުގައި މަރުވެދާނެކަމުގެ އިންޒާރު ޔުނިސެފުން ދީފިއެވެ.

ޔުނިސެފްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ އޮމަރް އަބްދި ނިމިދިޔަ ހަފްތާގައި އަފްޣާނިސްތާނަށް ކުރެއްވި ޒިޔާރަތަށްފަހު ވިދާޅުވީ ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން ގިނަ އަދަދެއްގެ ކުޑަކުދިން މަރުވުމުގެ ބިރު އެބައޮތްކަމަށާއި، ބައިނަލްއަގްވާމީ މުޖްތަމައުން އަވަހަށް އެކަމަށް ފިޔަވަޅު އަޅަން ޖެހޭކަމަށެވެ. އަދި މީސަލްސް އާއި ބޭރަށް ހިންގުމުގެ ރޯގާ އެކި ހިސާބުތަކުގައި ފެތުރި، ބިރުވެރިކަން އިތުރުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮމަރް އަބްދި ވަނީ އޭނާގެ ދަތުރުފުޅުގައި އަފްޣާނިސްތާނުގައި މިހާރު ވެރިކަންކުރަމުންދާ ތާލިބާނުންގެ އިސް ފަރާތްތަކާވެސް ބައްދަލުކުރައްވާފައެވެ. އަދި ކުޑަކުދިންނަށް ފައިދާހުރި ކާނާއާއި އެކަށީގެންވާ ސިއްހީ ހިދުމަތް ހޯދައިދިނުމުގެ މުހިއްމުކަމާ ބެހޭ ގޮތުންނާއި، މެދުކަނޑާލާފައިވާ ޕޯލިއޯ އަދި ކޮވިޑް ވެކްސިން ޕްރޮގްރާމްތައް އަލުން ކުރިއަށް ގެންދިޔުމާ ބެހޭ ގޮތުން ތާލިބާނުންނާއެކު އަބްދި މަޝްވަރާކުރެއްވިއެވެ. އަފްޣާނިސްތާނާ ޕާކިސްތާނަކީ ހަލުވިކަމާއެކު ޕޯލިއޯ ފެތުރޭ ހަމައެކަނި ދެ ޤައުމެވެ.

ސިއްހީ ދާއިރާގެ އިތުރުން ކުޑަކުދިންނަށް އެކަށީގެންވާ ތައުލީމު ހޯދައިދިނުމާއި، ހާއްސަކޮށް އަންހެން ކުދިން ތައުލީމުން މަހުރޫމު ނުކުރުމާ ބެހޭ ގޮތުންވެސް ޔުނިސެފުން ވަނީ ތާލިބާނުންނާއެކު މަޝްވަރާކޮށްފައެވެ.