ކުރީގެ ރައީސް އަބްދުﷲ ޔާމީން ގައުމީ ޓީމަށް ހިތްވަރު ދެއްވުމަކީ ޓީމަށް ލިބޭނެ އިތުރު ޖޯޝެއް ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް މިހެން ވިދާޅުވީ ޔާމީން ގައުމީ ފުޓްބޯޅަ ޓީމަށް މިރޭ ހިތްވަރު ދެއްވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މަހުލޫފް ވިދާޅުވީ ކުޅިވަރަކީ ސިޔާސީ ފިކުރު ނައްތާލާ ކަމެއް ކަމަށާއި ޔާމީން ވެސް ހިތްވަރު ދެއްވުމަކީ ޓީމަށް ލިބޭނެ އިތުރު ޖޯޝެއްކަމުން އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މިވަގުތު ގޭ ބަންދުގައި ހުންނެވި ޔާމީން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވީ ސިފައިންގެ ސެކިއުރިޓީ ބަހުގައި ކުޅުންތެރިން ފަރިތަކުރުންތަކަށް ދިޔަ މަގުމަތީގައެވެ.
އެގޮތުން ޔާމީން ވަނީ ގައުމީ ޖޯޒީގައި ހުންނަވައި ކުޑަދޮރުން ބޭރަށް ބޯދިއްކޮށްލައްވާ ކުޅުންތެރިންނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވާ ހިތްވަރު ދެއްވާފައެވެ. އަދި ކުޅުންތެރިން ވެސް ޔާމީނަށް އަތުގެ އިޝާރާތް ސަލާމް ކުރައްވާފައިވެއެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ އިން މާދަމާ ރޭ އިންޑިއާއާ ދެކޮޅަށް ނިކުންނާނެ އެވެ. މި މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް މުބާރާތުގެ ފައިނަލަށް ދެވޭނެއެވެ.
މާދަމާ ރޭ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗަށް ވިއްކަން ހަމަޖެއްސި 3000 ޓިކެޓު މިހާރު ވަނީ ވިކި ހުސްވެފައެވެ.
މާދަމާގެ މެޗު ފަށާނީ ރޭގަނޑު 9 ޖަހާއިރު އެވެ.