Last Updated: June 30, 20:43
Monday, June 30, 2025
ކުޅިވަރު

އަކްރަމްގެ މެސެޖެއް: ގައުމީ ޓީމަށް ހެޔޮ ދުއާކޮށްދީ!

ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް - ފޮޓޯ: ރައީސް އޮފީސް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗުން ރާއްޖެ އަށް ކާމިޔާބު ލިބުމަށް އެދި ދުއާކޮށްދިނުމަށް ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ އެދިއްޖެ އެވެ.

މާދަމާ ރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އަކްރަމް ބުނީ ދިވެހި ހުރިހާ ސަޕޯޓަރުން ވެސް ގައުމީ ޓީމަށް ކާމިޔާބީއަށް އެދޭ ކަމަށް ގަބޫލުކުރާ ކަމަށާއި އެގޮތުގައި ތިބޭނަމަ މުބާރާތުގެ ތަށި ޓީމަށް ނުނެގޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

"ބޮޑު ސްކްރީން ދޮށުގައި ވެސް، ރަށުގައި ވެސް ނުވަތަ ގޭގައި ވެސް އަޅުގަނޑުމެންނަށް ސަޕޯޓުކޮށްދެއްވާ. އަޅުގަނޑުމެންނަށް ހެޔޮ ދުއާ ކޮށްދީ. އެ ދުޢާގެ ނަތީޖާ އިންޝާﷲ އަޅުގަނޑުމެންނަށް މާދަމާ އަދި ދެން އަންނަ ފައިނަލް މެޗުގައިވެސް ފެނިގެންދާނެ" އަކްރަމް ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ އިން މާދަމާ ރޭ އިންޑިއާއާ ދެކޮޅަށް ނިކުންނައިރު މި މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް މުބާރާތުގެ ފައިނަލަށް ދެވޭނެއެވެ.

މާދަމާ ރޭ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗަށް ވިއްކަން ހަމަޖެއްސި 3000 ޓިކެޓު މިހާރު ވަނީ ވިކި ހުސްވެފައެވެ.

މާދަމާގެ މެޗު ފަށާނީ ރޭގަނޑު 9 ޖަހާއިރު އެވެ.