Last Updated: March 29, 10:59
Friday, March 29, 2024
ޚަބަރު

ހަމަލާއަށް ފަންޑު ކުރި ފަރާތެއް ހޯދޭނެ: ރައީސް ނަޝީދު

ރައިސް މުހައްމަދު ނަޝީދު--

މޭ 6 ހަމަލާއަށް ފަންޑު ކުރި ފަރާތެއް ހޯދޭނެކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަމާޒުކޮށް މޭ 6 ގައި ދިން ހަމަލާގެ ތަހުގީގު އަދު ނުނިމޭކަމަށާއި، އެހަމަލާއަށް ފަންޑު ކުރި ފަރާތެއް ހޯދޭނެކަމަށެވެ.

"ފަނޑުކުރި ފަރާތެއް އިރާދަކުރެއްވިއްޔާ ހޯދޭނެ. އަދި ރޭވި ފަރާތްތައްވެސް އިރާދަކުރެއްވިއްޔާ ހޯދޭނެ، އިންތިޒާމު ކުރި ފަރާތްތައްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހޯދޭނެ."

ރައީސް ނަޝީދު ވިދާޅުވީ އެންމެފަހުންވެސް ފުލުހުން އެމަނިކުފާނަށް މައުލޫމާތު ދެއްވާފައިވަނީ އެކަންކަން ބަލަމުންގެންދާކަމަށް ކަމަށެވެ.

އަޅުގަނޑުގެ ސަލާމަތާމެދު އެންމެބޮޑަށް ކަންބޮޑުވަނީ ދެދަރިން: ރައީސް ނަޝީދު

މާލެވަޑައިގެން ރައީސް ނަޝީދު މިވަގުތު ހޮޓެލް ޖެންގައި ހުންނަވާތީ އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައިސް ނަޝީދު ވިދާޅުވީ، ހޮޓެލް ޖެންގައި ހުންނަނީ ސަރުކާރުން އެމަނިކުފާނަށް ހަމަޖެއްސެވި ގެ އަދި ނުނިމޭތީ ކަމަށާއި އެކަންކަން ކުރިއަށްގެންދަވަނީ ސަރުކާރުން ކަމަށެވެ.

"ދެން އަޅުގަނޑުގެ ގެޔެއްހުރޭ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެގޭގައި އަޅުގަނޑަށް ހުރެވޭނެގޮތްވުން. އެހެންނަމަވެސް އެމްއެންޑިއެފުން މިވަގުތަކު އެޖާގަ ދޭކަށް ތައްޔާރަކަށް ނޫން ތިބީކީއެއް."

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ހިތްހަމަނުޖެހެނީ އެމަނިކުފާނުގެ ދެދަރިން ކަމަށެވެ. އެމަނިކުފާނަށް ނުރައްކާތެރިކަން ބޮޑުކަމަށް އެކުދިން ދެކޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކިތަންމެ ވަރުގަދަ ސެކިއުރިޓީއަކާއެކު ނަމަވެސް ސަލާމަތީ ކަންކަން ކަށވަރުކުރުމަށް ދަރިން ބޭނުންވާކަމަށެވެ.

ރައިސް ނަޝީދު ރާއްޖެވަޑައިގަތީ ތިން ދުވަހަށް ކަމަށް މީޑިއާތަކުން ރިޕޯޓް ކުރުމުން އެކަމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ އެއީ މީޑިއާތަކުން ނިންމި ނިންމުމެއްކަމަށެވެ. އެހެންނަމަވެސް ބޭސްފަރުވާގެ ކަންކަމާއި އެހެންވެސް ކަންކަމާގުޅިގެން އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަންޖެހޭކަމަށާއި، އެެހެންނަމަވެސް ސަލާމަތީ ސަބަބުތަކާ ހެދި އެކަންކަން ހާމަކުރެވެން ނެތްކަމަށެވެ.

ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް ފުލުހުން ބޭނުންވާކަމަށާއި، އަދި އެ ބަޔާންވެސް ވަރަށް އަވަހަށް ދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.