Last Updated: July 4, 06:42
Friday, July 4, 2025
ޚަބަރު

މިއުޅެނީ ފުޓުބޯޅަ ފޯރިނަގަން، ނާޗަރަންގީ ކުޅޭކަށް ނޫން

މިއުޅެނީ ފުޓުބޯޅަ ފޯރިނަގަން ކަމަށާއި ނާޗަރަންގީ ކުޅެން ނޫން ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ފާޑުކިޔުންތަކަށް ރައްދު ދެއްވައިފިއެވެ.

މަހުލޫފް މިހެން ވިދާޅުވެފައިމިވަނީ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފޯރިގަދަ ކުރުމަށް ޔޫތު މިނިސްޓްރީން ކާނިވާ ސަރަޙައްދުގައި މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމުމާ ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންނާއި އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން މަހުލޫފް ވިދާޅުވީމިރޭ ބޮޑު ސްކްރީންގަ މެޗު ބެލުމާއެކު ކުރިއަށްގެންދަން ރާވާފައިވަނީ ބޮޑުބެރު ކަމަށާއި ބޭނުމަކީ ދަނޑުގަ ބޮޑުބެރާއެކު ނަގާފޯރި ކާނިވާ ސަރަހައްދުން މެޗުބަލާ ސަޕޯޓަރުންނާއި ހަމައަށް ގެންގޮސްދިނުން ކަމަށެވެ.

"އަޅުގަނޑުމެން މިއުޅެނީ ފުޓުބޯޅަ ފޯރިނަގާށެވެ، ނާޗަރަންގީ ކުޅޭކަށްނޫނެވެ" މިނިސްޓަރު ވިދާޅުވި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި މިރޭ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުން ރާއްޖެ މޮޅުވެ ފައިނަލަށް ދަތުރުކޮށްފިނަމަ ފައިނަލް މެޗާ ހަމައަށް ކޮންމެ ރެޔަކު މިއުޒިކް ޝޯ ބާއްވާނެ ކަމަށް މަހުލޫފް އިއްޔެ ވަނީ ވިދާޅުވެފައެވެ. ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗަށް ވިއްކަން ހަމަޖެއްސި 3000 ޓިކެޓު މިހާރު ވަނީ ވިކި ހުސްވެފައެވެ.

މިރޭ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް މުބާރާތުގެ ފައިނަލަށް ދަތުރުކުރެވޭނެ އެވެ. މި މެޗު ފަށާނީ ރޭގަނޑު 9 ޖަހާއިރު އެވެ.