Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

ރާއްޖޭގައި އަބަދަށް ހުރެވޭކަށް އަދި ނެތް: ނަޝީދު

ރާއްޖޭގައި އަބަދަށް ހުރެވެން އަދި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ނަޝީދު ވަނީ މިދިޔަ ހޯމަ ދުވަހު ރާއްޖެ ވަޑައިގެންފައެވެ. ރާއްޖެ ވަޑައިގެން ނަޝީދު ހުންނަވަނީ ހޮޓެލް ޖެންގައެވެ.

މިއަދު މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ރާއްޖެ ވަޑައިގެން ހުންނެވީ މެދުކެނޑުމެއްނެތި އަބަދަށް ހުރެވޭ ގޮތަކަށް ނޫން ކަމަށާއި އެގޮތުން ފަރުވާ އެހެން ކަންކަމަށް އަދިވެސް ރާއްޖެ އިން ބޭރަށް ދާންޖެހޭ ކަމަށެވެ.

ސިއްހީ ސަބަބުތަކަށްޓަކާ މަޖިލީހުގެ ރިޔާސަތާ ދުރުގައި ހުންނަވަން ޖެހިވަޑައިގަތް ނަމަވެސް މަޖިލީހުގެ ހުރިހާ މަސައްކަތެއް ވެސް އަމީންއާންމުގެ ބެއްލެވުމުގެ ދަށުން ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން ނަޝީދު ވަނީ އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ތިން ދުވަހަށް ކަމަށް ބައެއް ފަރާތްތަކުން ބުނާ ވާހަކަތައް ވެސް ދޮގުކުރައްވާފައެވެ.

"އަޅުގަނޑު އައީ ތިން ދުވަހަށް ކަމަށް ނިންމެވީ ނޫސްވެރިން. އެއީ އެއްވެސް ތަނެއްގައި އަޅުގަނޑު ދެއްކި ވާހަކައެއް ނޫން. މިހާރު ތިންވަނަ ދުވަސް މިއީ. މިއަދު ފުރާގޮތަކަށް ހަމަޖެހިފައެއް ނެތް. އަޅުގަނޑު ރާއްޖޭގައި މި ހުރީ" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ސަލާމަތީ ސަބަބުތަކަށްޓަކާ އެމަނިކުފާނު ރާއްޖެ އިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ތާރީހު ދަންނަވަން އުޒުރުވެރިވާކަން ހާމަކުރައްވާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މޭ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އޭގެތެރެއިން ބޮން ގޮއްވާލި މީހާ ވަނީ ކުށަށް އިއުތިރާފްވެސް ވެފައެވެ. އޭނާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.