Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ހޮޓެލް ޖެންގައި ނަޝީދު ހުންނަވަނީ ސަރުކާރު ހަރަދުގައި

ހޮޓެލް ޖެންގައި ހުންނެވުމުގެ ކަންކަން ހަމަޖައްސަވާފައިވަނީ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ނަޝީދު ވަނީ މިދިޔަ ހޯމަ ދުވަހު ރާއްޖެ ވަޑައިގެންފައެވެ. ރާއްޖެ ވަޑައިގެން ނަޝީދު ހުންނަވަނީ ހޮޓެލް ޖެންގައެވެ.

މިއަދު މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ހޮޓެލް ޖެންގައި އެމަނިކުފާނު މިވަގުތު ހުންނަވަނީ ސަރުކާރުން ހަމަޖައްސައިދެއްވާ ގެކޮޅުގެ މަސައްކަތް ނިމެންދެން ކަމަށާއި އެތަނުގައި ހުންނެވުމުގެ ކަންކަން ހަމަޖައްސާފައިވަނީ ސަރުކާރުން ކަމަށެވެ.

"އަޅުގަނޑުގެ ގެއެއް ހުރޭ. އަޅުގަނޑު ވަރަށް އެދޭ އެގޭގައި އަޅުގަނޑަށް ހުރެވޭ ގޮތް ވުން. އެހެން ނަމަވެސް އެމްއެންޑީއެފަކުން މިހާރަކު އެ ޖާގަ ދޭކަށް ތައްޔާރަކަށް ނޫން ތިބީކީއެއް" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު ވަކިން ތަނެއްގައި ބެހެއްޓުން އެއީ ސަލާމަތްތެރިކަން ބޮޑު ގޮތެއްގެ ގޮތުގައި އެމްއެންޑީއެފުން ދެކޭ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ހުންނެވުމަށް މ. މުރައިދޫ ހަމަޖައްސާފައިވީ ނަމަވެސް އެގެކޮޅުގެ މަރާމާތުގެ މަސައްކަތްތައް އަދިވެސް ނުނިމެއެވެ.