Last Updated: April 25, 22:42
Friday, April 26, 2024
ކުޅިވަރު

ނޭޕާލް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

1-1 އިން ބަންގްލަދޭޝް އާއި އެއްވަރުކޮށް އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ނޭޕާލް ދަތުރުކޮށްފިއެވެ.

ފަސް ގައުމު ވާދަކުރާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ލީގު އުސޫލުންނެވެ. ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެކެވެ. އެގޮތުން މިއީ މި ދެ ޓީމު ވެސް ލީގު ބުރުގައި ކުޅުނު ފަހު މެޗެވެ. ނޭޕާލް ފައިނަލަށް ދަތުރުކުރީ ހަތް ޕޮއިންޓު ހޯދައިގެންނެވެ. ބަންގްލަދޭޝް އަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ.

ފައިނަލްގެ ފަހު ޖާގަ ލިބޭ ޓީމެއް އިނގޭނީ މިރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗަށްފަހު އެވެ. ރާއްޖެ އަށް ހަ ޕޮއިންޓު ލިބިފައިވާއިރު އިންޑިއާ އަށް ލިބިފައިވަނީ ފަަސް ޕޮއިންޓެވެ. އެހެންކަމުން ފައިނަލަށް ދިޔުމަށް މިރޭގެ މެޗުން މޮޅުވުން އިންޑިއާ އަށް މަޖުބޫރެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ 9 ވަނަ މިނެޓްގައި ސުމަން ރެޒާ ވަނީ ބަންގްލަދޭޝް ޓީމަށް ލީޑު ނަގާދީފައެވެ. ރެޒާ މި ގޯލު ކާމިޔާބުކުރީ ނޭޕާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލައަކުންނެވެ.

ނަތީޖާ އެއްވަރުކޮށްލަން މެޗުގެ 15 ވަނަ މިނެޓްގައި ނޭޕާލްގެ ރޯހިތު ޗާންދަށް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި ނޭޕާލްގެ އަޔުޝް އަށް ވެސް ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ދެ ފުރުސަތެއް ފުރަތަމަ ހާފުގައި ލިބި ބޭކާރުވެފައިވެއެވެ.

ދެވަނަ ހާފްގައި ވެސް ނޭޕާލުން އެޓޭކިން ގޭމެއް ކުޅުނުއިރު ބަންގްލަދޭޝް އިން މި ހާފުގައި މަސައްކަތް ކުރަމުންދިޔައީ ކައުންޓަ އެޓޭކުގައި ނޭޕާލްގެ ގޯލަށް ނުރައްކާ ކުރުމަށެވެ. އެގޮތުން ނޭޕާލުން ކުރިއަށް ޖެހިލައިގެން ކުޅެ އަޔުޝް އާއި ރޯހިތު ފޮނުވާލި ހަމަލާތައް ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ނޭޕާލުން ހުއްޓުމެއް ނެތި ބަންގްލަދޭޝްގެ ފަހަތަށް ބާރުބޮޑު ކުރަމުންދިޔައިރު މެޗުގެ 79 ވަނަ މިނެޓްގައި ރެފްރީ ވަނީ ބަންގްލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން އަށް ރަތްކާޑު ދައްކާފައެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ބަންގްލަދޭޝްގެ ޕެނަލްޓީއޭރިއާގެ ބޭރުން ބޯޅައިގައި އަތްލުމާ ގުޅިގެންނެވެ.

10 ކުޅުންތެރިންނާއެކު މެޗުގެ ބާކީބައި ބަންގްލަދޭޝް އިން ފުރިހަމަ ކުރަން ޖެހުނުއިރު މެޗުގެ 88 ވަނަ މިނެޓްގައި ނޭޕާލަށް ލިބުނު ޕެނަލްޓީ އަކުން އަންޖަން ބިސްތާ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ޕެނަލްޓީ ނޭޕާލަށް ލިބުނީ އަންޖަން ބިސްތާ އަށް ބަންގްލަދޭޝްގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެންނެވެ.

ނޭޕަލަށް މެޗުގެ ލީޑު ނަގަން ފަހު ވަގުތުކޮޅުތެރޭ ހުސް ފުރުސަތެއް ލިބުނު ނަމަވެސް އެޓީމުގެ މަނީޝް ޑަންގީ ފޮނުވާލި ހަމަލާ ދިޔައީ ބަންގުލަދޭޝް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ރެއެވެ.