Last Updated: April 25, 10:28
Thursday, April 25, 2024
ޚަބަރު

އެމްޓީސީސީގެ ކުރީ ސީއީއޯގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔާތު - ފޮޓޯ: މިހާރު

އެމްޓީސީސީ އަށް ބިދޭސީން ރެކްރޫޓްކުރުމުގެ މަސައްކަތް ޙަވާލުކުރި ގޮތާ ގުޅޭ މައްސަލާގައި އެ ކުންފުނީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔާތުގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިރޭ ހާމަކުރި ގޮތުގައި އެ މައްސަލާގައި ޒިޔާތުގެ މައްޗަށް އުފުލުމަށް އެދިފައިވަނީ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާ ކަމުގެ ކުށުގެ ދައުވާ ކަމަށެވެ.

އޭސީސީން ބުނިގޮތުގައި އެމް.ޓީ.ސީ.ސީ އިން ހިންގާ ޕްރޮޖެކްޓުތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ ބިދޭސީން ރެކްރޫޓްކުރުމަށް 20 ޖުލައި 2017 ގައި ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރާ 15 އެޖެންސީއަކާއެކު އެކުންފުނިން އެއްބަސްވުން ހަދާފައިވާ ކަމަށާއި އަދި ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމަށް އެދޭއިރު އެމް.ޓީ.ސީ.ސީއިން ޢަމަލުކުރަންޖެހޭ އުޞޫލު އެ އެއްބަސްވުމުގައި ތަފްޞީލްކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެ ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީއިން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް، ބިދޭސީން ރެކްރޫޓްކުރުމަށް ޚާއްޞަ ޖޮބް އޯޑަރއެއް ތައްޔާރުކޮށް، އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް އެމް.ޓީ.ސީ.ސީއިން ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެއެވެ. އަދި އެ ޖޮބް އޯޑަރ އަށް ހުއްދަ ދީފައިވަނީ އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ ގެ މަޤާމުގައި އޭރު ހުރި އިބްރާހިމް ޒިޔާތު ކަމަށްވެސް އޭސީސީން ހާމަކުރެއެވެ.

އެ ޖޮބް އޯޑަރ އަކީ، 15 އެޖެންސީއަކާއެކު އެއްބަސްވުން ޤާއިމްކުރުމަށްފަހު، އެމް.ޓީ.ސީ.ސީއިން ތައްޔާރު ކޮށްފައިވާ ފުރަތަމަ އޯޑަރާ ގުޅިގެން ރެކްރޫޓްމަންޓް އެޖެންސީތަކުން ޝަކުވާ ހުށަހެޅުމާގުޅިގެން، އެ އޯޑަރ ކެންސަލް ކޮށް، ތައްޔާރުކޮށްފައިވާ ދެވަނަ އޯޑަރު ކަމަށްވެސް އޭސީސީން ބުނެއެވެ.

"ފުރަތަމަ ޖޮބް އޯޑަރަށް ބަލާއިރު، އެއްބަސްވުން ހަދާފައިވާ ހުރިހާ ރެކްރޫޓްމަންޓް އެޖެންސީތަކަށް އެމް.ޓީ.ސީ.ސީއިން ފުރަތަމަ އޯޑަރ އީމެއިލްކޮށްފައިވީނަމަވެސް، ރެކްރޫޓްމަންޓް އެޖެންސީތަކުން ފޮނުވާފައިވާ ބިދޭސީންގެ މަޢުލޫމާތުތަކަށް ބިނާކޮށް އެމް.ޓީ.ސީ.ސީއިން ބިދޭސީންގެ ލިސްޓު ތައްޔާރުކޮށްފައިވަނީ، ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ނާޖާއިޒު ފައިދާ ލިބޭގޮތަށެވެ" އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ ދެވަނަ އޯޑަރަށް ބަލާއިރު، މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީން ގެނައުމުގެ އުޞޫލަށް ގެނެސްފައިވާ ބަދަލަކާ ގުޅިގެން އެމް.ޓީ.ސީ.ސީއާއެކު އެއްބަސްވުން ހަދާފައިވާ ބައެއް ރެކްރޫޓްމަންޓް އެޖެންސީތަކަށް ގިނަ ޢަދަދެއްގެ ބަނގްލަދޭޝް ރައްޔިތުން ނުގެނެވޭނެކަމަށާއި، ނަމަވެސް، އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް މޯލްޑިވްސް އިމިގްރޭޝަނުން ޚާއްސަ ހުއްދައެއް ދީފައިވާކަމަށް އެ އޯޑަރއާގުޅޭ ހުއްދައިގެ ލިޔުމުގައި، އެމް.ޓީ.ސީ.ސީއިން ބަޔާންކޮށްފައިވާ ކަމަށެވެ.

"ނަމަވެސް، މި ކޮމިޝަނުން ބެލިބެލުމުން، މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީން ރެކްރޫޓްކުރާ އެޖެންސީތަކުގެ ތެރެއިން އެއްވެސް އެޖެންސީއަކަށް ބިދޭސީން ގެނައުމުގައި ޚާއްސަ ލުއިފަސޭހައެއް ދީފައި ނުވާކަން އެނގެއެވެ" އޭސީސީން ބުނެއެވެ.

މީގެއިތުރުން އެމް.ޓީ.ސީ.ސީގެ ނަންބަރު 01/2017 ސްޕެޝަލް ޖޮބް އޯޑަރ ގުޅޭ މަސައްކަތް މަޑުޖައްސާލުމަށް 30 އޮގަސްޓު 2017 ގައި އެ ކޮމިޝަނުން އެމް.ޓީ.ސީ.ސީ އަށް އަންގާފައިވީނަމަވެސް، އޭގެފަހުން ވެސް ނަންބަރު 01/2017 ސްޕެޝަލް ޖޮބް އޯޑަރގެ ދަށުން އެމް.ޓީ.ސީ.ސީއިން އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 33 ބިދޭސީން ރާއްޖެއަށް ގެނެސްފައިވާކަން ތަޙުޤީޤުން އެނގޭ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.