Last Updated: April 19, 06:47
Friday, April 19, 2024
ކުޅިވަރު

ރާއްޖޭގައި ބީޗްވޮލީ ކުރިއަރުވަން މަޝްވަރާކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ވޮލީބޯލް (އެފް.އައި.ވީ.ބީ)ގެ ފަރާތުން ރާއްޖެ ވަޑައިގެންނެވި ވަފްދާއި ބައްދަލުކުރައްވައި ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެފް.އައި.ވީ.ބީ ގެ ރައީސް، ޑރ. އެރީ އެސް ގްރަސާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މާހައުލު އޮތްގޮތުން ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި ވަނީ ވެސް ބީޗްވޮލީފަދަ ކުޅިވަރުތަކަށް ކުރިއެރުވުމަށް އެންމެ އެކަށީގެންވާ ގޮތަށްކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ޒުވާން ކުޅުންތެރިން އެމީހުންގެ ހުނަރު ކުރިއަރުވައި ބައިނަލްއަޤްވާމީ ކުޅިވަރުގެ ހަރަކާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި މި ދާއިރާއިން ޤާއިމުވެފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އެނޫންވެސް ފަރާތްތަކަށް ވަޞީލަތުގެ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރިޔަށްގެންދިއުމުގައި ހައި ޕަރފޯމަންސް ޓްރެއިނިންސް ސެންޓަރެއް ރާއްޖޭގައި ޤާއިމުވެފައި ހުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖޭގައި ޚާއްޞަކޮށް ބީޗްވޮލީ ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.