Last Updated: April 25, 17:37
Thursday, April 25, 2024
ކުޅިވަރު

ރާއްޖެ ކަޓައިފި، އިންޑިއާ ފައިނަލަށް

3-1 އިން ރާއްޖެ ބަލިކުރުމަށްފަހު އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލްގައި އަންނަ ހޮނިހިރު ދުވަހުގެރޭ އިންޑިއާ ބައްދަލުކުރާނީ ނޭޕާލް އާއެވެ.

ފަސް ގައުމު ވާދަކުރާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ލީގު އުސޫލުންނެވެ. ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެކެވެ. އެގޮތުން ލީގު ބުރުގެ ހުރިހާ މެޗެއް މިހާރު ކުޅެ ނިމިފައިވާއިރު އިންޑިއާ އިން ވަނީ 8 ޕޮއިންޓު ހޯދާފައެވެ. ނޭޕާލް ހަތް ޕޮއިންޓު ހޯދިއިރު، ރާއްޖެ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ބަންގްލަދޭޝް އަށް ފަސް ޕޮއިންޓު ލިބުނުއިރު ސްރީލަންކާ މުބާރާތް ނިންމާލީ އެއް ޕޮއިންޓާ އެކުއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ދިވެހި ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީ މިރޭ ކުޅުނު މި މެޗުގައި އިންޑިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 33 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ރާއްޖޭގެ ޕެނަލްޓީއޭރިއާގެ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ބާރު ހަމަލާއަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މަންވީރު ސިންހެވެ.

މި ގޯލާއެކު އިންޑިއާ ފުރަތަމަ ހާފް ނިންމާލުމާ ގާތަށް ގޮސްފައިވަނިކޮށް ހާފްގެ ފަހު ވަގުތުކޮޅުތެރޭ ރާއްޖޭގެ ހަމްޒާ އަށް ކުރި އިންޑިއާ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ރާއްޖެ އަށް ނަތީޖާ އެއްވަރުކޮށްދިނީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 62 ވަނަ މިނެޓްގައި އިންޑިއާ ވަނީ އަލުން ލީޑު ނަގާދީފައެވެ. އެގޮތުން މަންވީރު ސިންހް ދިން ޕާހަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީ އެވެ. މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް އިންޑިއާގެ ޕެނަލްޓީއޭރިއާގެ ކުޑަތަންކޮޅެއް ބޭރުން ރާއްޖެ އަށް ހިލޭޖެހުމެއް ލިބިފައިވެއެވެ. ނަމަވެސް ދަގަނޑޭ ފޮނުވާލި އެ ހިލޭޖެހުން ދިފާއުކުރީ އިންޑިއާގެ ކީޕަރެވެ.

އެ ފުރުސަތުގެ ބޭނުން ރާއްޖެ އަށް ނުހިފުނުއިރު މެޗުގެ 71 ވަނަ މިނެޓްގައި ޗެތުރީ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް އިންޑިއާގެ ލީޑު ފުޅާކޮށްދީފައެވެ. ޗެތުރީ މި ގޯލު ކާމިޔާބުކުރީ ރާއްޖޭގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

ނަތީޖާގެ ފަރަގު ކުޑަކޮށްލަން ރާއްޖެ އިން މެޗުގެ ފަހު 10 މިނެޓްތެރޭ މަސައްކަތް ކުރި ނަމަވެސް އިތުރު ގޯލުތަކެއް ރާއްޖެ އަށް ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެ މުބާރާތުން ކަޓާފައެވެ.