Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ނަޝީދު، ގައުމީ ޓީމަށް: ނާކާމިޔާބީގައި ހިތްވަރު ގަދަ ކުރައްވާ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ނާކާމިޔާބީގައި ހިތްވަރު ގަދަ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ގޮވާލައްވައިފިއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން މިރޭ 3-1 އިން ބަލިވުމުން ރާއްޖެ ވަނީ މުބާރާތުން ކަޓާފައެވެ. މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކުރިއިރު، ފައިނަލްގައި އެޓީމު ބައްދަލުކުރާނީ ނޭޕާލް އާއެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާކާމިޔާބީގައި ހިތްވަރު ގަދަކުރުމަށާއި އާ ހިތްވަރާއެކު ގައުމީ ޓީމު އަލުން ނިކުންނާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މިރޭގެ މެޗުގައި އިންޑިއާ އިން ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ސުނިލް ޗެތްރީ އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ މަންވީރު ސިންހެވެ. ރާއްޖޭގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

ފަސް ގައުމު ވާދަކުރާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ލީގު އުސޫލުންނެވެ. ފައިނަލަށް ހޮވިފައިވަނީ އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމެވެ. އެގޮތުން ލީގު ބުރުގެ ހުރިހާ މެޗެއް މިހާރު ކުޅެ ނިމިފައިވާއިރު އިންޑިއާ އިން ވަނީ 8 ޕޮއިންޓު ހޯދާފައެވެ. ނޭޕާލް ހަތް ޕޮއިންޓު ހޯދިއިރު، ރާއްޖެ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ބަންގްލަދޭޝް އަށް ފަސް ޕޮއިންޓު ލިބުނުއިރު ސްރީލަންކާ މުބާރާތް ނިންމާލީ އެއް ޕޮއިންޓާ އެކުއެވެ.

އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.