Last Updated: April 20, 14:10
Saturday, April 20, 2024
ކުޅިވަރު

އެނބުރި އަންނާނީ ވަރުގަދަކޮށް: ދަގަނޑޭ

އަލީ އަޝްފާގް (ދަގަނޑޭ) - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށް ޓީމުގެ އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން މިރޭ 3-1 އިން ބަލިވުމުން ރާއްޖެ ވަނީ މުބާރާތުން ކަޓާފައެވެ. މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކުރިއިރު، ފައިނަލްގައި އެޓީމު ބައްދަލުކުރާނީ ނޭޕާލް އާއެވެ.

ދަގަނޑޭ މިރޭ ކުރެއްވި ޓްވީޓެއްގައި ބުނީ ގައުމީ އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށާއި މުޅި މުބާރާތުގައި ވެސް ޓީމަށް ދިވެހި ސަޕޯޓަރުން ދިން ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށެވެ.

މިރޭގެ މެޗުގައި އިންޑިއާ އިން ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ސުނިލް ޗެތްރީ އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ މަންވީރު ސިންހެވެ. ރާއްޖޭގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

ފަސް ގައުމު ވާދަކުރާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ލީގު އުސޫލުންނެވެ. ފައިނަލަށް ހޮވިފައިވަނީ އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމެވެ. އެގޮތުން ލީގު ބުރުގެ ހުރިހާ މެޗެއް މިހާރު ކުޅެ ނިމިފައިވާއިރު އިންޑިއާ އިން ވަނީ 8 ޕޮއިންޓު ހޯދާފައެވެ. ނޭޕާލް ހަތް ޕޮއިންޓު ހޯދިއިރު، ރާއްޖެ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ބަންގްލަދޭޝް އަށް ފަސް ޕޮއިންޓު ލިބުނުއިރު ސްރީލަންކާ މުބާރާތް ނިންމާލީ އެއް ޕޮއިންޓާ އެކުއެވެ.

އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.